ޕީޓަބޮރޯ ޔުނައިޓެޑުގެ މައްޗަށް ކުރި ހޯދައި މެންޗެސްޓަ ސިޓީ އިން އިނގިރޭސި އެފްއޭ ކަޕުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

ސިޓީ އިން ރަށުން ބޭރުގައި ކުޅެ އިނގިރޭސި ޗެމްޕިއަންޝިޕުގައި ކުޅޭ ޕީޓަބޮރޯ ބަލިކުރީ 2-0 އިންނެވެ. ސިޓީ އިން މި މެޗާ ކުރިމަތިލީ ރެގިއުލާ ކެޕްޓަން ފަނަންޑީނިއޯގެ ބަދަލުގައި ޔުކްރެއިނުގެ ޑިފެންޑަރު އޮލެކްސަންޑްރާ ޒިންޗެންކޯގެ ކެޕްޓަން ކަމުގެ ދަށުންނެވެ. ޔުކްރެއިން އާ އެކުގައިވާ ކަން ހާމަކުރުމުގެ ގޮތުން ދެ ޓީމުގެ ކެޕްޓަނުން ރޭ ދަނޑަށް ނުކުތީ ޔުކްރެއިނުގެ ދިދައެއްގައި ހިފަހައްޓައިގެންނެވެ.

ސިޓީގެ ކޯޗު ގާޑިއޯލާ ބުނީ ސިޓީގެ ކެޕްޓަން ފަނަންޑީނިއޯ ރޭގެ މެޗަށް ޒިންޗެންކޯ އާ ބޭންޑު ހަވާލު ކުރީ ސިޓީ އޮތީ ޔުކްރެއިން އާ އެކީގައި ކަން ހާމަކުރުމުގެ ގޮތުން ކަމަށާއި މިއީ އޭނާ އަށާއި ކްލަބަށްވެސް ވަރަށް މުހިއްމު ދަނޑިވަޅެއް ކަމަށެވެ.

ރޭގެ މެޗަކީ ޔުކްރެއިނުގައި ހަނގުރާމަ ފެށިފަހުން ޒިންޗެންކޯ ކުޅުނު ފުރަތަމަ މެޗެވެ.

ޕީޓަބޮރޯގެ ދަނޑުގައި ކުޅުނު މި މެޗު މުޅިންހެން ސިޓީ ޑޮމިނޭޓް ކުރިއިރު އެ ޓީމުގެ ފުރަތަމަ ގޯލް ދެވަނަ ހާފުގެ 60 ވަނަ މިނެޓުގައި ފިލް ފޮޑެން ދިން ހިތްގައިމު ބޯޅަ ގޯލު ތެރެއަށް ވައްދާލައިގެން ކާމިޔާބުކުރީ ޖެކް ގްރީލިޝް އެވެ. އޭގެ ހަ މިނެޓު ފަހުން ސިޓީ އަށް ލީޑު ފުޅާކޮށްދިނީ ރިޔާދް މަހްރޭޒެވެ. ގްރީލިޝް ގޯލް ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދިނީ ވެސް މެޗުގައި މޮޅު ކުޅުމެއް ދެއްކި ފޮޑެން އެވެ.