އިނގިރޭސި ޕްރިމިއަ ލީގުގައި ރޭ ބާންލީ އަތުން ޗެލްސީ ފަސޭހަ މޮޅެއް ހޯދިއިރު، ވެސްޓް ހަމް ޔުނައިޓެޑު ބަލިކޮށް ލިވަޕޫލް އިން ލީގުގެ އެއްވަނައިގައި އޮތް މެންޗެސްޓަ ސިޓީއާ ދެމެދުގައިވާ ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ.

ބާންލީގެ ދަނޑުގައި ކުޅެ ޗެލްސީ އިން އެ ޓީމު ބަލިކުރީ 4-0 އިންނެވެ. ޗެލްސީ އިން މެޗުގައި ޖެހި 4 ގޯލް ވެސް ކާމިޔާބުކޮށްފައިވަނީ ދެވަނަ ހާފުގައެވެ. މެޗުގެ 47 ވަނަ މިނެޓުގައި ޗެލްސީގެ ފުރަތަމަ ގޯލް ޖެހީ ޑިފެންޑަރު ރީސް ޖޭމްސްއެވެ. ރޭގެ މެޗަކީ އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ހުރުމަށްފަހު އިނގިރޭސި ޑިފެންޑަރު އެނބުރި އައިސް ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު ފުރަތަމަ މެޗެވެ.

މެޗުގެ 52 ވަނަ މިނެޓުގައި ކްރިސްޓިއަން ޕުލިސިކް ތަނަވަސްކޮށްދިން ފުރުސަތަކުން ޗެލްސީ އަށް ލީޑު ފުޅާކޮށްދިނީ ޖަރުމަން މިޑްފީލްޑަރު ކައި ހަވާޓްޒް އެވެ. އޭގެ ތިން މިނެޓު ފަހުން ޖޭމްސް ނަގައިދިން ހުރަހެއްގައި ދެވަނަ ފަހަރަށް ބާންލީގެ ގޯލް ފޫއަޅުވާލައި ހަވާޓްޒް ޗެލްސީގެ ލީޑު ފުޅާކޮށްދިނެވެ. ޗެލްސީގެ ހަތަރު ވަނަ ގޯލް މެޗުގެ 69 ވަނަ މިނެޓުގައި ޖެހީ ޕުލިސިކެވެ. މިއީ ބާންލީގެ ޑިފެންޑަރަކަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ޕުލިސިކް ކާމިޔާބު ކުރި ގޯލެކެވެ.

ރޭ އަމިއްލަ ދަނޑުގައި ކުޅެ ލިވަޕޫލް އިން ވެސްޓް ހަމް ބަލިކުރީ 1-0 އިންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލް ފުރަތަމަ ހާފުގެ 27 ވަނަ މިނެޓުގައި ކާމިޔާބުކުރީ ސާޑިއޯ މާނޭއެވެ. މާނޭ ގޯލް ޖެހީ ޑިފެންޑަރު ޓްރެންޓް އަލެގްޒަންޑާ އާނޯލްޑް ނަގައިދިން ހުރަހަކުންނެވެ.

ޕްރިމިއަ ލީގު ތާވަލަށް ބަލާއިރު ސިޓީ އެއްވަނައިގައި އޮތީ 27 މެޗުން 66 ޕޮއިންޓާ އެކުއެވެ. ލިވަޕޫލް ދެ ވަނައިގައި އޮތީ 27 މެޗުން 63 ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި ޗެލްސީ އޮތީ 26 މެޗުން 53 ޕޮއިންޓް ހޯދައިގެންނެވެ. ހަތަރުވަނައިގައި މެންޗެސްޓާ ޔުނައިޓެޑް އޮތީ 27 މެޗުން 47 ޕޮއިންޓާއެކުއެވެ. ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ސިޓީ އާ ދެކޮޅަށް ޔުނައިޓެޑް ނުކުންނާނެއެވެ.