ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް 2022 ގައި ބައިވެރިވި 32 ޓީމުގެ ތެރެއިން ބައެއް ޓީމުތަކުން މިހާރު ވާނީ އެއް މެޗު ކުޅެފައެވެ. މެޗު ކުޅުނު ޓީމުތަކުގެ ތެރެއިން ބައެއް ޓީމުތަކަށް ގަދަ 16 އަށް ދިއުމުގެ ފުރުސަތު ހަނިވެފައިވާއިރު، އޭގެ ތެރެއިން ބައެއް ޓީމުތަކުން މިއަދު މުބާރާތުގެ ދެވަނަ މެޗު ކުޅޭނެއެވެ.

އެގޮތުން މިއަދު ގަތަރާ ސެނެގަލް މުބާރާތުގެ ދެވަނަ މެޗު ކުޅޭއިރު މި ޓީމުގެ ތެރެއިން ގަތަރު ވަނީ މުބާރާތް ފެށުމަށް ބޭއްވި މެޗުގައި އިކުއާޑޯ އަތުން 2-0 ގެ ނަތީޖާއަކުން ބަލި ވެފައެވެ. އަދި ސެނެގަލް ވެސް ވަނީ ނެދެލޭންޑްސް އަތުން 2-0 ގެ ނަތީޖާއަކުން ބަލި ވެފައެވެ.

މިއަދުގެ މެޗަށް މި ދެޓީމުން ވެސް ނިކުންނާނީ މޮޅެއް ހޯދުމަށެވެ.

ގަތަރާއި ސެނެގަލް ކުޅޭ މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 18:00 ގައި-- ފޮޓޯ: ސްޕޯޓިން ނިއުސް

ގަތަރަށް މިއަދުގެ މެޗު މުހިންމު މެޗަކަށް ވެގެން ދާނީ މިއީ ގަތަރުން ވޯލްޑް ކަޕުގެ މުބާރާތެއް ފުރަތަމަ ކުޅޭ ފަހަރު ކަމަށްވާތީއެވެ. ސެނެގަލްއަށް މިއީ އާ މުބާރާތަކަށް ނުވީ ނަމަވެސް އެ ޓީމަށް ވެސް މި މެޗުން މޮޅުވުން މުހިންމެވެ. ސެނެގަލް އިން މީގެ ކުރިން 2002 އަދި 2018 ގެ ވޯލްޑް ކަޕުގައި ވަނީ ކުޅެފައެވެ.

ގަތަރުގެ ލަފާ ކުރެވޭ ފުރަތަމަ 11:

ކަރީމް ބޯދިފް، ސާދް އަބްދު ﷲ އަލް ޝީބް، ރަވީ، ސަލްމަން، ހަސަން، އަހްމަދު. އަބްދުލް އަޒީޒް ހަތިމް، ހަސަން އަލް ހޮއެދާ، އަލްމޮއޭޒް އަލީ، އަކްރަމް އަފީފް

ސެނެގާލްގެ ލަފާ ކުރެވޭ ފުރަތަމަ 11:

މެންޑީ، ސަބަލީ، ސިސޭ، ކުލިބަލީ، އެން ޑިއާޔޭ، ޕީއެމް ސާ، އެން މެންޑީ، ގުޔޭ، އައި ސާ، ޑިއާ، ޑިއާޓާ

ގަތަރުގެ އެންމެ ފާހަގަ ކުރެވޭ ކުޅުންތެރިޔާ!

ގަތަރު ގައުމީ ޓީމުގެ ކެޕްޓަނަކީ، އެ ގައުމުގެ އަލް ސަދަށް ކުޅެމުން އަންނަ ފޯވާޑު ހަސަން ހާލިދު ހަސަން އަލް ހައިދޯސްއެވެ. އަލްސަދުގެ ޔޫތު އެކެޑަމީން 1998 ވަނަ އަހަރު ފުޓުބޯޅަ ކުޅެން ފެށި ހާލިދު އެ ޓީމުގެ ރަސްމީ ޓީމަށް ކުޅެން ފެށީ 2007 ވަނަ އަހަރުގައެވެ. އޭނާ ވަނީ މިހާތަނަށް އެ ޓީމަށް 261 މެޗު ކުޅެދީ 84 މެޗު ކާމިޔާބުކޮށްދީފައެވެ. އަދި 31 އަހަރުގެ ހާލިދު ވަނީ ގަތަރު ގައުމީ ޓީމަށް 163 މެޗު ކުޅެދީ 33 ގޯލު ވެސް ޖަހައިދީފައެވެ.

ހަސަން ހާލިދު ހަސަން އަލް ހައިދޯސް-- ފޮޓޯ: ގެޓީ އިމޭޖެސް

މިއަހަރުގެ މުބާރާތަށް ބަލާއިރު، އިކުއާޑޯ އާއި ދެކޮޅަށް ކުޅުނު މެޗުގައި ވެސް އޭނާ ވަނީ ތަފާތު ކުޅުމެއް ދައްކާފައެވެ. އެގޮތުން ކުޅުންތެރިންނަށް ބޯޅަ ދީގެން މެޗުގެ ލީޑު ނެގުމަށް އޭނާ ވަނީ މަސައްކަތް ކޮށްފައެވެ. އެ މެޗުގައި އޭނާ ވަނީ 70 މިނެޓަށް ކުޅެފައެވެ.

ސެނެގަލްގެ އެންމެ ފާހަގަ ކުރެވޭ ކުޅުންތެރިޔާ!

މިދިޔަ ޕްރިމިއާ ލީގުގައި ވަޓްފޯޑަށް އެންމެ މޮޅު ކުޅުމެއް ދެއްކި އެއް ކުޅުންތެރިއަކީ އިސްމާއިލް ސާއެވެ. އެކަމަކު، ވަޓްފޯޑް ވެފައި ވަނީ ލީގުގައި ރެލިގޭޓްވި ތިން ޓީމުގެ ތެރެއިން އެއް ޓީމަށެވެ. ސާ ނަގަން ޖެހުނީ އޭނާއަކީ އިދިކޮޅު ގޯލަށް ނުރައްކާ ކުރާ ކުޅުންތެރިއަކަށްވެފައި، އޭނާއަކީ ގޯލާ ރައްޓެހި ކުޅުންތެރިއަކަށްވުމުންނެވެ.

އިސްމާއިލް ސާ-- ފޮޓޯ؛ ގެޓި އިމޭޖެސް

އުމުރުން 24 އަހަރުގެ ސާ ވަނީ ސެނެގާލްގެ ސީނިއާ ގައުމީ ޓީމަށް 48 މެޗު ކުޅެދީ 10 ގޯލް ޖަހައިފައެވެ. އަދި 2019 ވަނަ އަހަރުން ފެށިގެން ވަޓްފޯޑަށް ކުޅެދިން 105 މެޗުގައި 29 ލަނޑު ޖެހިފައެވެ.

މި ދެޓީމު މިއަދު ބައްދަލު ކުރާ މެޗު އަލް ތުމާމާ ސްޓޭޑިއަމްގައި ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 18:00 ގައެވެ.