ދަތުރު ވެރިންގެ މާރުކޭޓުގެ އަގުތަކަށް ބަލާލާއިރު ތަކެތީގެ އަގުތައް މިވަނީ ވަރަށް ބޮޑަށް ދަށައް ގޮއްސައެވެ. އެގޮތުން ރޯދަމަސް ފެށުނުއިރު މިރުހުގެ އަގު ހުރީ ކިލޯއެއް 700 - 780 ރުފިޔާއާއި ދެމެދުގައިއެވެ. އަދި ރޯދަމަހުގެ ދެވަނަ ދުވަހު މިއަގު ވަނީ 900 ރުފިޔާއަށް ކިލޯއެއް މައްޗައް ގޮސްފައިއެވެ. ނަމަވެސް މިހާރު މިރުހުގެ އަގު ހުރީ ކިލޯއެއް 600 - 650 ރުފިޔާއާއި ދެމެދުގައިއެވެ.

މީގެއިތުރުން ކަރާގެ އަގު ވެސް މިއަހަރު ރޯދަމަހު އެހެން އަހަރުތަކާއި އަޅާބަލާއިރު މިވަނީ ހެޔޮވެފައިއެވެ. އެގޮތުން މިހާރު ކަރާ ކިލޯއެއް މާރުކޭޓުގައި ލިބެންހުރީ 15 ރުފިޔާއަށެވެ. އާންމުކޮށް ބޭނުންކުރާ ބާވަތްތަކަށް ބަލާއިރު ލެޓިއުސް ލިބެންހުރި އަގު ވެސް މިހާރު މިވަނީ ދައްވެފައިއެވެ. އެގޮތުން ކުރިން މާރުކޭޓުން ލެޓިއުސް ލިބެންހުރީ ކިލޯއެއް 80 - 90 ރުފިޔާއާއި ދެމެދުގައިއެވެ. ނަމަވެސް މިހާރު ލެޓިއުސް ލިބެންހުރީ 45 - 60 ރުފިޔާއަށެވެ.

ރޯދަ މަހު މާރުކޭޓުގައި ތަކެތީގެ އަގުތަކަށް މިހާ ބޮޑެތި ބަދަލުތަކެއް އައިސްފައި މިވަނީ އަތޮޅު ތެރެއިން ގެންނަ ތަރުކާރީ އަދި މޭވާގެ ބާވަތްތައް އިތުރުވެފައިވާތީކަމަށް މާރުކޭޓު ގޮޅިއެއް ހިންގަވާ ބޭފުޅަކު "ވަގުތައް" ވިދާޅުވިއެވެ.

"އެހެން ރޯދަމަސް ތަކުގައި މި އެއްޗެހި ލިބޭ ވަރަށް ވުރެން މިއަހަރު ލިބޭލެއް ރަގަނޅު. އެކަމަކު ރޯދަމަސް ފެށުނުއިރު ތަންކޮޅެއް އުނދަގޫވި މިރުސް ލިބުމުގަ. އެއީ ދެން ރަށް ރަށަށް މިރުސް ގެއްދާތީވެ. އެކަމަކު މިހާރު މިރުސް ލިބުމުގައި އެއްވެސް ދަތިކަމެއް ނެތް."

އެހެން އަހަރުތަކުގެ ރޯދަމަހު މިރުހުގެ އަގު މައްޗައް ދިޔަކަމުގައި ވީނަމަވެސް މިރޯދަމަހު މިރުސް އަދި ކަރާގެ އަގު މިވަނީ ދަށައްގޮސްފައިއެވެ. އަދި މިހާރު މާރުކޭޓުގައި ވިއްކާ ތަކެތީގެ އަގުތައްވެސް މިވަނީ ދައްވެފައިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކަޑި

    އެއީ ކޮންރާއްޖެ އެއްގެ މާރުކޭޓެއްގަތޯ!

  2. ފަސާދަ

    ރޯދަމަހު ރުޅި ނާރުވާ އިނގޭ. މާރުކޭޓަށް ދިޔައިމަ މިކިޔަނީ އެހެން އަގުތަކެއް. ރިޕޯޓަރުންނަށް ދެނީ ދޮގު މަޢުލޫމާތުކަން މިއެނގެނީ. ނޫނީ އެކި މީހުންނަ އެކި އަގު ކިޔަނީ.