ކޮވިޑް-19 ގެ ބަލިމަޑު ކަމުގެ ސަބަބުން ހުއްޓުމަކަށް އައިސްފައި އޮތް ގެސްޓް ހައުސް ވިޔަފާރި އަލުން ފަށައި، އިތުރު 38 ގެސްޓް ހައުސް އެއް ހުޅުވާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިހާތަނަށް 10 އަތޮޅެއްގެ 30 ރަށެއްގެ ގެސްޓް ހައުސްތައް ވަނީ އަލުން ހުޅުވާލައިފައެވެ. މި ރަށްތަކުން މިހާތަނަށް ޖުމްލަ 198 ގެސްޓް ހައުސް ވަނީ ހުޅުވައިފައެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި އަދަދާ އެކީ މިހާތަނަށް 3،882 އެނދު ހުންނާނެއެވެ.

މިމަހުގެ 15 ވަނަ ދުވަހާއި ހަމައަށް ޓޫރިޒަމް މިނިސްޓްރީން ބުނެފައިވަނީ 160 ގެސްޓް ހައުސް ހުޅުވާފައިވާ ކަމަށެވެ. އެއީ 9 އަތޮޅެއްގެ 27 ރަށެއްގައެވެ.

މިހާތަނަށް 198 ގެސްޓް ހައުސް އެއް ހުޅުވާފައިވާއިރު، މިއަދާއި ހަމައަށް 10 ހޮޓަލެއްވެސް ވަނީ ހުޅުވާފައެވެ. އަދި 139 ރިސޯޓު ހުޅުވާފައިވާއިރު، 130 ސަފާރީ އުޅަނދު ވަނީ ރާއްޖެއަށް އައިސްފައެވެ. މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިތަންތަނުގެ އެނދުގެ ޖާގަ 39،969 އަށް އަރައެވެ.

ބޯޑަރު ހުޅުވާލި ފަހުން، ރާއްޖެ އަށް އެންމެ ގިނަ އިން ފަތުރުވެރިން އައިސްފައިވަނީ ރަޝިއާ، އިޓަލީ އަދި އިންޑިއާއެވެ. ނޮވެމްބަރު މަސް ނިމުމާއި ހަމައަށް ރަޝިއާ އިން މިހާތަނަށް 46،056 ފަތުރުވެރިން ރާއްޖެ އައިއިރު، އިޓަލީއިން 45،645 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. އަދި އިންޑިއާއިން ރާއްޖެ އަށް 44،268 ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފައެވެ.

ކޮވިޑް-19ގެ ބަލި މަޑު ކަމުގެ ސަބަބުން ބަންދު ކުރި ގެސްޓްހައުސް އަލުން ހުޅުވާލުމަށް ހުއްދަ ދީފައިވަނީ އޮކްޓޯބަރު 15 ވަނަ ދުވަހުއެވެ. އޭގެ ފަހުން ސަރުކާރުން އަންނަނީ ދުވަހުން ދުވަހަށް ގެސްޓް ހައުސްތައް ހުޅުވުމުގެ އިތުރު ހުއްދަ ދެމުންނެވެ. އަދި މިހާރު ރާއްޖެ އަންނަ ފަތުރުވެރިންގެ އިންސައްތަ ވެސް އިތުރުވަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.