ޖަޕާން ސަރުކާރުގެ ހިލޭ އެހީއާއެކު މޯލްޑިވްސް އެސޯސިއޭޝަން ފޯ ޕާސަންސް ވިތް ޑިސެބިލިޓީސް (އެމްއޭޕީޑީ)ގެ ފަރާތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށްގެން ރާއްޖެ ގެނައި އެކަމަށް ހާއްސަ ވެހިކަލްތައް އޮޕަރޭޓްކުން ނަލަ ޓެކްސީ ސެންޓަރާއި ހަވާލު ކޮށްފިއެވެ.

ނަލަ ޓެކްސީއަކީ ރާއްޖޭގައި ޓެކްސީ ނިޒާމަށް ހެޔޮ ބަދަލެއް ގެނައުމުގެ ގޮތުން އުފެއްދި ކުންފުންޏެކެވެ. އެ ކުންފުނިން މާލޭގައި ހާއްސަ ސެންޓަރެއްވެސް ހިންގަމުން އަންނަ ބައެކެވެ. އެ ކުންފުނިން މިހާރު މާލެ ސަަރަހައްދުގައި ޓެކްސީ ނިޒާމަށް ހާއްްސަ ބަދަލުތަކެއް ގެނެސްފައިވާއިރު، އެކަމަށް ހާއްސަ އެޕްލިކޭޝަނެއް ދާދި ފަހުން ވަނީ ލޯންޗްކޮށްފައެވެ.

އެގޮތުން މިހާރު ކުންފުނިން ވަނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ދަތުރު ފަތުރު ކުރެވޭނެ މަގު ތަނަވަސްވަން ކުރުމަށް އަތުރު ކުރި އޮޅާލައިފައެވެ.

އެ މަސައްކަތުގެ ތެރެއިން މިއަދު އެމްއޭޕީޑީން ކުންފުންޏާއި ހަވާލުކުރި ވީލްޗެއާރ އަރުވާ ބޭލުމަށް ފަސޭހަވާނެހެން ތައްޔާރު ކޮށްފައިވާ ވެހިކަލް ތައް އޮޕަރޭޓް ކުރާނީ ނަލަ ޓެކްސީގެ ފަރާތުންނެވެ.

އެމްއޭޕީޑީން އެ ކުންފުންޏާއި ހަވާލުކޮށްފައި ވަނީ 3 ވެހިކަލެވެ.

އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ، މި ވެހިކަލް ތަކުގައި ދަތުރު ކުރަން ބޭނުންވާ ފަރާތްތަކަށް މިހާރުން ފެށިގެން ނަލަ ޓެކްސީ އެޕްލިކޭޝަން އިން ބޭނުން ވާ ދުވަހަކަށް އަދި ބޭނުންވާ ގަޑިއަކަށް ރިކުއެސްޓް ކުރެވޭނެ ކަމަށެވެ.

އަދި މިއަދުން ފެށިގެން 26 އޮގަސްޓު ވާ ހުކުރު ދުވަހާ ހަމައަށް ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހިލޭ ދަތުރު ކުރެވޭނެ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

"އަދި އޭގެ ފަހުން ވެސް ކުރާ ކޮންމެ ދަތުރަކަށް %15 ގެ ޑިސްކައުންޓްއެއް ލިބިގެން ދާ ގޮތަށް އަޅުގަނޑުމެން ހެދީ". އޮފިޝަލް ވިދާޅުވިއެވެ.

ނަލަ ޓެކްސީން މައުލޫމާތުދިންގޮތުގައި، މި ހިދުމަތް ލިބިގެން ދާނީ އެމްއޭޕީޑީގައި ރެޖިސްޓްރީ ކުރުމަށް ފަހު އެ އެސޯސިއޭޝަނުން އެޕްރޫވް ކުރާ ފަރާތްތަކަށެވެ،. އަދި އެކަމަށް ރެޖިސްޓްރީ ކުރުމަށް 9971437 އާ ގުޅައިގެން ކުރިއަށް ގެންދިޔުމަށް އެ ކުންފުނިން އެދެއެވެ

ނަލަ ޓެކްސީ އެޕްލިކޭޝަން އިންސްޓޯލް ކުރުމަށްޓަކައި މި ލިންކަށް ކްލިކް ކޮށްލާށެވެ.