މިއަހަރުގެ ފުރަތަމަ ހަތް މަހުގެ ތެރޭގައި އިމްޕޯޓުގެ އަގުތައް ދެ ބިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރް މިއަދު ވިދާޅުވެއްޖެއެވެ.

އައިޓީއެފްސީ އާއެކު އެސްޓީއޯ އިން 189 މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީއެއްގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އަމީރް ވިދާޅުވީ ކޮވިޑްގެ ފަހުން ރާއްޖޭގެ އިގްތިސާދު ހަލުވިކަމާ އެކު ކުރިއަރަމުންދާ ކަމަށެވެ. ނަމަވެސް އާ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮވިޑްގެ ސަބަބުން ދުނިޔޭގެ ގައުމުތަކުގެ ތެރެއިން އިގްތިސާދަށް ބޮޑު އަސަރެއް ކޮށްފައިވާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަން ފާހަގަކުރައްވަމުން އަމީރު ވިދާޅުވީ އެ އާލަމީ ވަބާއާ ގުޅިގެން ޖީޑީޕީ 33 އިންސައްތައް ދަށްވި ކަމަށެވެ.

އަމީރު ވިދާޅުވީ ރާއްޖޭގެ އިގްތިސާދަށް އާ ގޮންޖެހުންތައް ކުރިމަތިވެފައި ވަނީ ދުނިޔޭގައި ތަކެތީގެ އަގުތައް އުފުލުމާއި ޔޫކްރެއިން-ރަޝިއާ ހަނގުރާމައިގެ ސަބަބުން ކަމަށވެ. ތަކެތީގެ އަގު އުފުލުމުން އެކްސްޓާނަލް ރިޒާވުތަކަށާއި ސަރުކާރުގެ ކޭޝްފްލޯއަށް ނޭދެވޭ އަސަރު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ސަރުކާރުން ކުރަން ޖެހޭ ހަރަދުތައް ބޮޑުވުމާ ގުޅިގެން ކޮވިޑުގެ ތެރޭގައި ނަގާފައިވާ ދަރަންޏާ އެކު ސަރުކާރަށް ވަނީ ވަރަށް ބޮޑަށް ބުރަވެފައި." އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ މިއަހަރުގެ ފުރަތަމަ ހަތް މަހުގެ ތެރޭގައި އިމްޕޯޓުގެ އަގުތައް ދެ ބިލިއަން ޑޮލަރަށް އަރާފައިވާ ކަމަށެވެ. މިދިޔަ އަހަރު އެ އަދަދު ހުރީ 1.3 ބިލިއަން ޑޮލަރުގައި ކަން ފާހަގަކުރައްވަމުން އަމީރު ވިދާޅުވީ މިއީ 648 މިލިއަން ޑޮލަރުގެ އިތުރުވުމެއް ކަމަށެވެ.

"އައިޓީއެފްސީއިން ރާއްޖޭގެ ތަރައްގީގައި ވަމުން އަންނަ އެހީތެރިކަމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. އައިޓީއެފްސީ އަކީ ވިޔަފާރިއަށް ފައިނޭންސް ކުރުމުގައި ސަރުކާރުގެ އެންމެ ބޮޑު އެއް ބައިވެރިޔާ." އަމީރު ވިދާޅުވިއެވެ.

އިސްލާމިކް ޓްރޭޑު ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ)ގެ ފަރާތުން ކްރެޑިޓް ފެސިލިޓީއެއްގެ ދަށުން އެސްޓީއޯއަށް މިއަދު ވަނީ 189 މިލިއަން ޑޮލަރު ދީފައެވެ.

އެއްބަސްވުމުގެ ދަށުން އެސްޓީއޯއިން ގަންނާނީ ތެލާއި، ކާޑުގެ ބާވަތްތަކާއި، ބޭހާއި ސިއްހީ ދާއިރާގައި ބޭނުންކުރާ އާލާތްތް ތަކަށް އެ ކުންފުނިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހަންމަދު

    ހޭބަލި! އިމްޕޯޓުގެ އަގުތަށް ދެބިލިޔަން ޑޮލަރަށް އަރައިފި! ކީކޭބާ މިކިޔަން އުޅެނީ؟ދެބިލިޔަން ޑޮލަރަށްވުރެ އަގުހެޔޮއެއްޗެއް އިމްޕޯޓުކުރުން މަނާވީތޯ؟

  2. ހުސޭނުބޭ

    މީ އެއްޗެއް އެނގިގެން އުޅޭ މީހެއް ނޫން. ތަނަކު ޕޯޑިއަމެއް ހުރިއްޔާ ކޮންމެވެސް އެއްޗެކޭ ކިޔަންޖެހޭނެނު