ފަލަސްތީނުގައި ހަރަކާތްތެރިވާ އދ ގެ ރެފިއުޖީ އެޖެންސީ (އަންރާ) ގެ އެކި އެކި އިމާރާތްތަކަށް ހަނގުރާމަ ފެށުނު ފަހުން 290 ފަހަރު އިސްރާއީލުގެ ޔަހޫދީ އަނިޔާވެރި ސިފައިން ހަމަލާދީފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެފިއެވެ.

އެ ޖަމިއްޔާ އިން ބުނެފައިވާ ގޮތުގައި އެ ޖަމިއްޔާ އަކީ އދ ގެ ޖަމިއްޔާ އެއް ކަން އެނގި ތިބެ އިސްރާއީލުން ދަނީ ގަސްތުގައި އެ ޖަމިއްޔާ އަށް ހަމަލާތައް ދެމުންނެވެ. އަދި ދުވަހަކަށް ވުރެ ދުވަހެއް ޔަހޫދީ އިސްރާއީލުގެ ސިފައިން ދޭ ހަމަލާތައް ވަރުގަދަ ވެފައި ބިރުވެރި ކަމަށް ވެސް އެ ޖަމިއްޔާ އިން ވަނީ މައުލޫމާތު ދީފައެވެ. އިސްރާއީލުގެ އަނިޔާވެރި ހަމަލާތަކުގެ ސަބަބުން އެ ޖަމިއްޔާގެ މުހިއްމު ހަރަކާތްތައް ހިންގުމަށް މިހާރު ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށް ވެސް އެ ޖަމިއްޔާ އިން ވަނީ ބުނެފައެވެ.

އިސްރާއީލުން ދެމުންދާ އަނިޔާވެރި ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގައި ގެދޮރު ގެއްލޭ މީހުންނަށް އެހީވުމަށް އަންރާ އިން ވަނީ ވަކި ހާއްސަ އިންތިޒާމް ތަކެއް ހަމަޖައްސައި އެ މީހުންނަށް ދިރިއުޅެވޭނެ ގޮތް ހަދައިދީފައި ނަމަވެސް އިސްރާއީލުގެ ޔަހޫދީ ސިފައިން ވަނީ އެ މަރުކަޒުތަކަށް ވެސް ހަމަލާ ދީފައެވެ. އެގޮތުން ގެދޮރު ގެއްލުނު މީހުންނަށް އަންރާ އިން ހަދާފައިވާ މަރުކަޒުތަކަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ ކުށެއްް ނެތް 389 މީހުން ވަނީ ޝަހީދު ކޮށްލާފައެވެ. އަދި އެ ހަަމަލާތަކުގައި 1،374 ފަލަސްތީނުގެ ރައްޔިތުން ޒަހަމްކޮށްލާފައިވާ ކަމަށް ވެސް އެ ޖަމިއްޔާއިން ވަނީ މައުލޫމާތު ދީފައެވެ.

އެ ޖަމިއްޔާ އަކީ ހަމާސް އަށް ވާގިވެރިވާ ޖަމިއްޔާ އެއް ކަމަށް އިސްރާއީލުގެ ސަރުކާރުން ވަނީ ތުހުމަތު ކޮށްފައެވެ. އަދި އެ ޖަމިއްޔާގެ މުވައްޒަފުން ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ހަމާސްގެ ހަމަލާތަކުގައި ބައިވެރިވެފައި ކަމަށް ވެސް އިސްރާއީލުން ވަނީ ތުހުމަތު ކޮށްފައެވެ.

އެ ތުހުމަތު ތަކުގެ ސަބަބުން އިސްރާއީލަށް ޒަމާނުއްސުރެ ތާއީދުކުރާ ބައެއް ހުޅަނގުގެ ގައުމުތަކުން ވަނީ ފަލަސްތީނުގެ ރެފިއުޖީ އެޖެންސީ އަށް އެހީތެރިކަން ފޯރުކޮށްދިނުންވެސް ހުއްޓާލާފައެވެ.

އިސްރާއީލުގެ އަނިޔާވެރި ސިފައިން ވަނީ މިހާތަނަށް އެ ޖަމިއްޔާގެ 154 މުވައްޒަފުން ޝަހީދުކޮށްލާފައި ކަމަށް އދ އިން ބުނެއެވެ.