އެމެރިކާގެ ނެވާޑާއިން ކެލިފޯނިއާއަށް ފަސް މެރިން މީހުންނާއެކު ދަތުރުކުރި އެމެރިކާގެ އަސްކަރީ ހެލިކޮޕްޓަރެއް ގެއްލިގެން ހޯދަން ފަށައިފިއެވެ.

މިއާއެކު ފަސްޓް ރެސްޕޮންޑަރުން ވަނީ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނެއް ފަށައިފައެވެ.

އެމެރިކާގެ މެރިން ކޯޕްސްގެ މަންދޫބަކު ބުދަ ދުވަހު ވިދާޅުވީ އެ ޔުނިޓުން ހޯދަމުން ދަނީ ލަސް ވެގަސްގެ ކައިރީގައި ހުރި ބޭސްއަކުން ސެން ޑިއޭގޯގެ ބޭސްއަކަށް ދަތުރުކުރަމުން ދަނިކޮށް ގެއްލުނު ސީއެޗް-53އީ ސުޕަ ސްޓޭލިއަން ހެލިކޮޕްޓަރެއް ކަމަށެވެ.

މެރިން ކޯޕްސް އެއާ ސްޓޭޝަން މީރާމާރް ފޮކްސް ނިއުސްއަށް މައުލޫމާތު ދެމުން ބުނީ މެރިން ހެވީ ހެލިކޮޕްޓަރު ސްކޮޑްރަން 361، މެރިން އެއާކްރާފްޓް ގްރޫޕް 16، 3 ވަނަ މެރިން އެއާކްރާފްޓް ވިންގްއާ ހަވާލުކޮށްފައިވާ އެމެރިކާގެ ފަސް މެރިން ހޯދުމުގެ މަސައްކަތް އެމެރިކާގެ މެރިން ކޯޕްސް އިން ކުރަމުން އަންނަ ކަމަށެވެ.

"3 ވަނަ މެރިން އެއާކްރާފްޓް ވިންގުން ދަނީ ސެން ޑިއޭގޯ ކައުންޓީ ޝެރިފް ޑިޕާޓްމަންޓާއި ސިވިލް އެއާ ޕެޓްރޯލްއާ ގުޅިގެން ސާޗް އެންޑް ރެސްކިއުގެ މަސައްކަތްތައް ކޯޑިނޭޓް ކުރަމުން. އެންމެ ފަހުގެ މައުލޫމާތު ލިބެން ފެށުމުން ހާމަ ކުރަމުން ދާނެ،" ބަޔާނުގައި ބުނެފައި ވެއެވެ.

ބުދަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި އެ ހާދިސާއާ ގުޅިގެން ލޯކަލް ފަސްޓް ރެސްޕޮންޑަރުންނަށް ވަނީ ގުޅައިފަ އެވެ. އެ ސަރަހައްދަށް އަސަރު ކުރަމުން ދިޔަ "އެޓްމޮސްފެރިކް ރިވާ" ތޫފާނުގެ ސަބަބުން ސެން ޑިއޭގޯ ޝެރިފްގެ އޮފީހުން ހެލިކޮޕްޓަރު ފޮނުވުން ފަސްކުރަން ޖެހުނެވެ.