ޗައިނާގެ ދެ މަސްވެރިންގެ މަރާ ގުޅިގެން ޗައިނާގެ އައްސޭރީގައި އޮންނަ ޓައިވާނުން ކޮންޓްރޯލް ކުރާ ކުދި ރަށްތަކެއްގެ ކައިރީ ގާނޫނު ތަންފީޒު ކުރުމުގެ ހަރަކާތްތައް އިތުރު ކޮށް ފޯރި މަރަން ފަށާނެ ކަމަށް ޗައިނާގެ ކޯސްޓު ގާޑުން ބުނެފިއެވެ.

ޓައިވާނުގެ ރަށަކާއި މާ ކައިރި އަށް ޗައިނާގެ ސްޕީޑްބޯޓެއްގައި ތިބި ބަޔަކު ދަތުރުކޮށް ޓައިވާނުގެ ކޯސްޓު ގާޑަށް ފިލަން އުޅެނިކޮށް އެމީހުން ދަތުރު ކުރަމުން ދިޔަ އުޅަނދު ބަންޑުން ޖަހާލައި އޭގައި ތިބި ހަތަރު މީހުންގެ ތެރެއިން ދެ މީހުން މަރުވި ހާދިސާގައި ޓައިވާނުން ވަނީ އެ ގައުމުގެ ކޯސްޓު ގާޑު ދިފާއު ކޮށްފައެވެ.

ޗައިނާގެ މަސްބޯޓުތަކާއި އެހެނިހެން އުޅަނދުތައް ޓައިވާނުން ކޮންޓްރޯލް ކުރާ ކަނޑުގެ ސަރަހައްދަށް ވަންނާތީ ޗައިނާ އިން އެގައުމުގެ ބައެއްގެ ގޮތުގައި ބުނާ ޓައިވާނުން ޝަކުވާ ކުރަމުން ދާތާ އަހަރުތަކެއް ވެއްޖެއެވެ.

ޗައިނާއިން ވަނީ ޓައިވާނުގެ ހަރަކާތްތައް ކުށްވެރި ކޮށްފައެވެ.

ޗައިނާއިން ބުނެފައިވަނީ ޗައިނާގެ އައްސޭރި ކައިރީގައި އޮންނަ ކިންމެން ރަށް ކައިރީގައި ފޯރިމަރާނެ ކަމަށާއި އެއީ މަސްވެރިންގެ ފުރާނައާއި މުދާ ރައްކާތެރި ކުރުމުގެ ގޮތުން ކަމަށެވެ.

އަދި ޓައިވާން ސްޓްރެއިޓްގެ ދެފަރާތުގެ މަސްވެރިންވެސް ކާބަފައިންގެ ޒަމާނުއްސުރެ މަސްވެެރިކަމަށް ކަނޑުގެ އެ ސަރަހައްދު ބޭނުން ކުރަމުން އައި ކަމަށާއި އެތަނުގައި މަނާ ސަރަހައްދެއް ނޯންނާނެ ކަމަށް ޗައިނާ އިން ވަނީ ބުނެފައެވެ.

އަދި ޓައިވާނުގެ ރައްޔިތުންނަށް ޗައިނާގެ ސަރުކާރުން އެދެނީ ރަނގަޅު ގޮތް ކަމަށާއި، އެކަމަކު ޓައިވާނުގެ ސަރުކާރުން ޗައިނާގެ މަސްވެރިންގެ ރައްކާތެެރިކަމަށް ނުބެލުން ބަލައިނުގަނެވޭނެ ކަމަށްވެސް ޗއިނާ އިން ވަނީ ބުނެފައެވެ.

ޓައިވާނުން ބުނެފައިވަނީ އެ ސަރަހައްދަށް ހުއްދަ ނެތި ޗައިނާގެ އުޅަނދުތައް ވަނުން މަނާކުރުމުގެ ގާނޫނުތައް ތަންފީޒުކުރަމުން ދާނެ ކަމަށާއި ނަމަވެސް އެ އުޅަނދުތައް ބާރުގެ ބޭނުން ކޮށްގެން ނެރޭ ކަމަށް ޗައިނާއިން ކޮށްފައިވަނީ ދޮގު ތުހުމަތު ތަކެއް ކަމަށެވެ.