ރަޝިއާއިން ޔޫކުރޭނުގެ އިރުމަތީގައި އޮންނަ ކުޑަ ސަހަރެއް ކަމަށްވާ އަވްދީވްކާ ހިފުމަށް ފަހު، ހަތިޔާރު ނެތް ޔޫކުރޭނުގެ ސިފައިންތަކެއްގެ ގަޔަށްް ބަޑި ޖަހައި މަރާލާފައިވާ ކަމަށާއި އެ ކަން ތަހުގީގު ކުރަމުންދާ ކަމަށް ޔޫކުރޭނުގެ އިދާރާތަކުން ބުނެފިއެވެ.

ޔޫކުރޭނުން ބުނެފައިވަނީ ރަޝިއާ އިން ހަ ސިފައިން މަރާލާފައިވަނީ އަވްދީވްކާ އިން ކަމަށާއި އިތުރު ދެ ސިފައިން މަރާލާފައިވަނީ އެ ސަރަހައްދާއި ކައިރީގައި އޮންނަ އަވަށެއް ކަމަށްވާ ވެސެލް އިން ކަމަށެވެ.

”އަވްދީވްކާ އަދި ވެސެލް ގައި ހަތިޔާރު ނެތް ޔޫކުރޭނަށް ނިސްބަތްވާ ހަނގުރާމައިގެ އަސީރުންތަކެއްގެ ގަޔަށް ބަޑި ޖަހައި މަރާލި މައްސަލައިގެ ތަހުގީގު ވަނީ ފަށާފައި.” ޑޮނެސްކް ސަރަހައްދުގައި ހުންނަ ޕްރޮސެކިއުޓަރ ގެ އޮފީހުން ބުނެފައިވެއެވެ.

އެ އިދާރާ އިން ބުނެފައިވަނީ އަވްދީވްކާގައި މަރާލެވުނު ސިފައިން ތިބީ ވަރަށް ބޮޑަށް ޒަހަމްވެފައި ކަމަށާއި އެމީހުން ތިބީ އެ ސަރަހައްދުން ފޭބުމަށް ތައްޔާރުވެގެން ކަމަށެވެ.

ވެސެލްގައި ހައްޔަރު ކޮށްފައިވާ ޔޫކުރޭނުގެ ދެ ސިފައިންގެ ގަޔަށް ވަރަށް ކައިރިން ރަޝިއާގެ ސިފައިންގެ މީހަކު ބަޑި ޖަހާ މަންޒަރު ޑްރޯނަކުން ނަގާފައިވާ ވީޑިއޯ އަކުން ފެންނަ ކަމަށް ޑޮނެޓްސްކް ޕްރޮސެކިއުޓަރުގެ އޮފީހުން ބުނެފައި ވެއެވެ.

”ގައިދީންވެސް ދިރިތިއްބާ ދޫކޮށްނުލާން ވެގެން، އެމީހުން އޮޓޮމެޓިކް ހަތިޔާރުން އެމީހުން މަރަނީ.” އެ އޮފީހުން ބުނެފައިވެއެވެ.

ޔޫކުރޭނުގެ މި ތުހުމަތުތަކަށް ރަޝިއާ އިން ރައްދު ދީފައެއް ނުވެއެވެ.

ރަޝިއާ އިން ގާނޫނާއި ހިލާފަށް މީހުން މަރާ ކަމަށާއި، ހަނގުރާމައިގެ ޖަރީމާތައް ހިންގާ ކަމަށް 2022 ވަނަ އަހަރުގެ ފެބުރުއަރީ މަހު ރަޝިއާ އިން ޔޫކުރޭނަށް އެރީއްސުރެ ޔޫކުރޭނުން ދަނީ ތަކުރާރު ކޮށް ތުހުމަތު ކުރަމުންނެވެ.