ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ކުށެއް ނެތް ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ރަހުމްކުޑަ ހަރުކަށި ހަމަލާތަކެއް ދީ އިންސާނީ ހައްޤުތަކާއި ހިލާފް އެތައް ކަމެއް ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ ޔަހޫދީ އަނިޔާވެރި އަސްކަރިއްޔާގެ ސިފައިންގެ ޔުނިޓް ނެޓްޒަހް ޔެހޫދާ އާއި ދެކޮޅަށް މިއަދު އެމެރިކާ އިން ފިޔަވަޅު އަޅާފާނެ ކަމަށް ބޭރުގެ މީޑިއާތަކުން ބުނަން ފަށައިފިއެވެ.

މި ކަމާއި ބެހޭ ގޮތުން ދަ އެސޯސިއޭޓް ޕުރެސް އާއި ވާހަކަ ދެއްކި އެމެރިކާގެ ދެ އޮފިޝަލުން ބުނެފައިވަނީ ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާގެ އެންމެ އަނިޔާވެރި ޔުނިޓް ކަމަށްވާ ނެޓްޒަހް ޔެހޫދާ އާއި ދެކޮޅަށް ފިޔަވަޅު އެޅުމާއި މެދު މިއަދު ގޮތެއް ނިންމާނެ ކަމަށާއި އެންމެ ލަސްވެގެން ހޯމަ ދުވަހު މިކަމާއި ގުޅިގެން ނިންމަށް ޖެހޭ ކަންކަން ނިމިގެންދާނެ ކަމަށެވެ.

ނެޓްޒާ ޔެހޫދާ އަކީ ޔަހޫދީ ދީނުގެ ހަރުކަށި ފިކުރުގެ މީހުންގެ މައްޗަށް އެކުލެވިގެންވާ އަސްކަރީ ޔުނިޓެކެވެ. މި ޔުނިޓް އަކީ އަނިޔާވެރިކަމަށް ޔަހޫދީންގެ މެދުގައި މަޝްހޫރުވެފައި އޮންނަ އަސްކަރީ ޔުނިޓެކެވެ. މި ޔުނިޓް ވަނީ ހުޅަނގު އައްސޭރީގައި ހިނގަމުންދާ ހަމަނުޖެހުންތައް ހުންޓުވުމަށް އެ ސަރަހައްދަށް ފޮނުވާފައެވެ. އަދި އޭގެ ފަހުން އެ ޔުނިޓުގެ ހިމެނޭ ސިފައިން ވަނީ ހުޅަނގު އައްސޭރީގެ ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ވަރަށް އަނިޔާވެރި ހަމަލާތަކެއް ދީފައި ކަމަށް ފަލަސްތީނުގެ މީޑިއާތަކުން ވަނީ ބުނެފައެވެ.

ޔަހޫދީ އިސްރާއީލްގެ ލީގަލް އެޑްވަޝަރީ ގުރޫޕެއް ކަމަށްވާ ޔެޝް ޑިން އިން ބުނެފައިވާ ގޮތުގައި 2010 ވަނަ އަހަރުން ފެށިގެން ފަލަސްތީނުގެ ރައްޔިތުންނަށް އަނިޔާވެރިކަމާއި އެކީ ހަމަލާދީގެން ކުށްވެރިވެފައިވާ އިސްރާއީލުގެ ކޮންމެ 5 ސިފައިންގެ މީހަކުން އެކަކީ ނެޓްޒަހް ޔެހޫދާ އަސްކަރީ ޔުނިޓަށް ނިސްބަތްވާ ސިފައިންގެ މީހެއް ކަމަށެވެ. މިއިން ވެސް މި އަސްކަރީ ޔުނިޓްގެ އަނިޔާވެރިކަން ހާމަވެގެންދާ ކަމަށް އެ ގުރޫޕުން ވަނީ ބުނެފައެވެ.

އެމެރިކާ އިން ވަނީ ނެޓްޒަހް ޔެހޫދާ އަސްކަރީ ޔުނިޓަށް ފިޔަވަޅު އަޅާނެ ކަމަށް މިދިޔަ ހަފްތާގައި ބުނެފައެވެ. އެމެރިކާގެ މި ނިންމުމަށް ޔަހޫދީ ސަރުކާރުގެ ވެރިން ވަނީ ފާޑުކިޔާފައެވެ. އެގޮތުން ޔަހޫދީންގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވެސް ވަނީ ނެޓްޒަހް ޔެހޫދާ އަސްކަރީ ޔުނިޓް ދިފާއުކޮށް ވާހަކަދައްކާފައެވެ.