ހަނގުރާމައިގެ ސަބަބުން ޣައްޒާގެ ރައްޔިތުންނަށް ނަފްސާނީ ގޮތުން ނުރައްކާވެދާނެ ކަމުގެ އިންޒާރު އދ.ގެ މާހިރަކު ދެއްވައިފިއެވެ.

ސިއްހަތުގެ ހައްގުތަކާ ބެހޭ އދގެ ސްޕެޝަލް ރެޕަޓުއާ ޓްލަލެންގް މޮފޯކޭންގް ވިދާޅުވީ ޣައްޒާގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ޣައްޒާގެ ރައްޔިތުންގެ މެދުގައި ނަފްސާނީ ބަލިތައް ފާޅުވުމުގެ ބިރު އެބައޮތް ކަމަށެވެ.

މޮފޯކޭންގް ވިދާޅުވި ޖިސްމާނީ އަނިޔާ ފެންނަން ހުއްޓަސް ނަފްސާނީ އަނިޔާ އަކީ ބޭރު ފުށުން ފެންނަ ކަމެއް ނޫން ކަމަށެވެ.

"ޔަގީނުން ވެސް ޖިސްމާނީ އަނިޔާ އަޅުގަނޑުމެންނަށް ފެނޭ، އެއީ ޖިސްމާނީ އަނިޔާއެއް ކަމުން އޭގެ ސީރިއަސްކަން ވަޒަން ކުރެވިދާނެ،" ސިއްހަތުގެ ހައްގުތަކާ ބެހޭ އދގެ ސްޕެޝަލް ރެޕަޓުއާ ޓްލަލެންގް މޮފޯކޭންގް ވިދާޅުވިއެވެ.

"އެކަމަކު ހަޔާތުގެ ފަހުކޮޅު އެންޒައިޓީ އާއި އެހެނިހެން ކަހަލަ ނަފްސާނީ ބަލިތަކަށް ބަދަލުވާނެ އެކިއުޓް މެންޓަލް ޑިސްޓްރެސް އަކީ ހަގީގަތުގައި ވެސް ވަރަށް މުހިންމު ކަމެއް، ހަގީގަތުގައި ވެސް ޖެހޭ ވިސްނަން ފަށަން." އޭނާ ވިދާޅުވިއެވެ.

ޔުނިސެފުން ފެބްރުއަރީ މަހު ބުނެފައި ވަނީ ޣައްޒާގެ 17،000 ކުދިންނަކީ ހަމަނުޖެހުންތަކުގައި އާއިލާއާ ވަކިވެފައިވާ ކުދިން ކަމަށް އަންދާޒާކޮށްފައިވާ ކަމަށާއި އެތަނުގައި ތިބި ގާތްގަނޑަކަށް ހުރިހާ ކުދިންނަށް ވެސް ނަފްސާނީ އެހީތެރިކަން ބޭނުންވާ ކަމަށް ބެލެވޭ ކަމަށެވެ.

އިސްރާއީލުގެ ހަމަލާގައި މިހާތަނަށް 34،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ފަލަސްތީނުގެ ސިއްހީ އިދާރާތަކުން ވަނީ ބުނެފައެވެ. އިސްރާއިލުން ދިން ހަމަލާތަކުގައި ޣައްޒާގެ ގިނަ ހޮސްޕިޓަލްތައް ވަނީ ސުންނާފަތިކޮށްފައެވެ.

ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާ އިން ފަލަސްތީނުގެ ޣައްޒާ އަށް ދެމުންދާ އަނިޔާވެރި ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނުގެ ރައްޔިތުންގެ ތެރޭގައި ކުށެއް ނެތް 14،500 އަށް ވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ. އަދި 9،500 އަށް ވުރެ ގިނަ އަންހެނުން ވެސް ވަނީ މި އަނިޔާވެރި ހަމަލާތަކުގައި ފަލަސްތީނުގެ ޣައްޒާ އިން ޝަހީދުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަހުމަދު މުހައްމަދު

    މިއީ ވަރަށް ހިތާމަ ވެރި ޚަބަރެއް. މުޅި ދުނިޔެ ބަލަން މިތިބެނީ. އެމެރިކާއާއި ޔޫރަޕުން ހަތިޔާރު ދީގެން އެއެއް މިއެއް ނުބަލާ ދަނީ މީހުން މަރަމުން. މިމީހުން ދުނިޔެއަށް ޑިމޮކްރަސީ އިންސާނީ ހައްޤު ކިޔާދޭން ނިކުތީމަ އަންނަނީ ހިނި.