ގޫގަލް އާއި އެމޭޒަން އިން ޔަހޫދީ އިސްރާއީލްގެ އަސްކަރިއްޔާ އާއި އެކީ ސޮއި ކޮށްފައިވާ ޕްރޮޖެކްޓް ނިމްބަސް އަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވަމުން އެބަދެއެވެ.

ޕްރޮޖެކްޓް ނިމްބަސް އަކީ އިސްރާއީލުގެ އަސްކަރިއްޔާ އިތުރަށް ޒަމާނީ ކޮށް ޓެކްނޮލޮޖީގެ އާ ހަރުފަތްތަކަކަށް ގެންދިޔުމަށް އިސްރާއީލުގެ ސަރުކާރުން އިސްނަގައިގެން ދުނިޔޭގެ އެންމެ ބޮޑު ދެ ކުންފުނި ކަމަށްވާ ގޫގަލް އާއި އެމޭޒަން އާ އެކީ ސޮއި ކޮށްފައިވާ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ދަށުން ގޫގަލް އަދި އެމޭޒަން އިން އިސްރާއީލުގެ އަސްކަރިއްޔާގެ ކުލައުޑް ކޮމްޕިއުޓިން ނިޒާމު ހަރުދަނާ ކޮށް، އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކޮށްގެން ކަންކަން ކުރަން އިސްރާއީލުގެ ސަރުކާރަށާއި އަސްކަރިއްޔާ އަށް މަގުފަހި ކޮށްދޭނެއެވެ.

ނަމަވެސް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ދެމުންދާ އަނިޔާވެރި ހަމަލާތަކުގައި ޔަހޫދީ އަސްކަރިއްޔާ އިން ފަލަސްތީނުގެ މުޖާހިދުން ފާހަގަކުރަން އާޓިފިޝަލް އިންޓެލިޖެންސްގެ ބޭނުން ކޮށްފައިވާ ކަމަށް އެއްބަސްވެފައި ވުމުން ޕްރޮޖެކްޓް ނިމްބަސް އަށް ވަނީ ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައެވެ.

ހުޅަނގުގެ ގައުމުތަކުން އެ ގައުމުތަކުގެ ޒުވާނުންނަށާއި ޔުނިވާސިޓީތަކުގައި ކިޔަވަމުންދާ ކުދިންނަށް ދޭން ބޭނުންވާ މެސެޖަކީ މުޖުތަމައެއް ހަމަހަމަ ކަމާއި އިންސާފާ އެކީ ރަނގަޅަށް ހިގުމަށްޓަކައި އިންސާނީ ހައްޤުތަކުގެ މުހިއްމުކަމާއި އަދުލުއިންސާފުގެ މުހިއްމުކަން ކަމަށް ބުނެދޭ އިރު ޔަހޫދީން ޣައްޒާގެ ރައްޔިތުންނާއި ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާ އަށް ހުޅަނގުގެ ކުންފުނިތަކުން އެހީތެރިވުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެ ހުޅަނގުގެ އެކި ޖަމިއްޔާ ޖަމާއަތްތަކުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ.

ގޫގަލްގެ ބައެއް މުވައްޒަފުން ވެސް ވަނީ ޕްރޮޖެކްޓް ނިމްބަސް އާއި ދެކޮޅަށް އަޑުއުފުލާފައެވެ. އަދި ބައެއް މުވައްޒަފުން ދަނީ މިކަމާއި ދެކޮޅަށް ހިމޭން މުޒާހަރާތައް ވެސް ކުރަމުންނެވެ.

ޔަހޫދީންގެ އަނިޔާވެރި ދައުލަތް އިސްރާއީލުގެ އަސްކަރިއްޔާ އިން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ފަލަސްތީނުގެ ޣައްޒާ އަށް ދެމުންދާ އަނިޔާވެރި ރަހުމްކުޑަ ހަމަލާތަކުގައި މިހާތަނަށް ވަނީ ޣައްޒާ އިން 34،000 އަށް ވުރެ ގިނަ އާންމުން ޝަހީދުވެފައެވެ.