ސުޕެއިން އިން ފަލަސްތީނާއި މެދު ގެންގުޅޭ ދުވަސްވީ އެކުވެރިކަމުގެ ސިޔާސަތަށް ޝުކުރު އަދާކުރައްވާ ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ސުޕެއިންގެ ރައީސް ޕެޑްރޯ ސަންޗޭސް އަށް ސިޓީއެއް ފޮނުވައިފިއެވެ.

މި ސިޓީގައި ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވަނީ ސުޕެއިން އިން ފަލަސްތީނުގެ މައްސަލައިގައި އިންސާފުވެރި ހަމަހަމަ ސުލްހައަކަށް ތާއީދުކުރާތީ އެކަން ފާހަގަކޮށް އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ސުޕެއިން އިން ޔަހޫދީންގެ ޤައިރު ޤާނޫނީ ދައުލަތް އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ދެމުންދާ ހަމަލާތައް ވުގުތުން ހުއްޓާލުމަށް ގޮވާލަމުންދާތީ އާއި ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާގެ ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ ޣައްޒާގައި ހާލުގައި ޖެހިފައިތިބި މީހުންނަށް އަވަސް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން ގޮވާލާތީ އެކަމަށް ވެސް ފަލަސްތީނުގެ ރައްޔިތުންނާއި އެމަނިކުފާނުގެ އަމިއްލަ ނަމުގައި ޝުކުރު އަދާ ކުރާ ކަމަށް ވިދާޅުވެފައެވެ.

ސުޕެއިން އިން ފަލަސްތީނުގެ ވަކި ދައުލަތެއް ބަލައިގަންނާނެ ކަމަށް އިއުލާން ކޮށްފައިވުމުން ފަލަސްތީނުގެ ރައީސް ވަނީ މި ކަމަށް ވެސް ސުޕެއިންގެ ރައީސް އަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ.

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްގެ ސިޓީ ނިންމާލަމުން ބުނެފައިވަނީ އެމަނިކުފާނު އުންމީދު ކުރަނީ ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ސުޕެއިން އަކީ ފަލަސްތީނުގެ އެކުވެރި ގައުމެއްގެ ގޮތުގައި އޮތުން ކަމަށެވެ. އަދި ސުޕެއިންގެ ރަސްގެފާނަށާއި އެ ގައުމުގެ ރައްޔިތުންނަށް އުފާފާގަތި ދުވަސްތަކަކަށް އެދޭ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

ސުޕެއިންގެ ސަރުކާރުން ވަނީ ފަލަސްތީނުގެ ވަކި ދައުލަތެއް ޔޫރަޕިއަން ޔޫނިއަން އިން ވެސް ބަލައިގަންނަށް ޖެހޭ ކަމަށް ބުނެފައެވެ. އަދި ޔޫރަޕިއަން ޔޫނިއަންގެ ޕާލިމެންޓްގައި ފަލަސްތީނުގެ މިނިވަން ދައުލަތެއްގެ ހައްޤުގައި ވަކާލާތު ކުރާނެ ކަމަށް ވެސް ސުޕެއިންގެ ސަރުކާރުން ވަނީ ބުނެފައެވެ.

ޔޫރަޕުގެ ގައުމުތަކުގެ ތެރެއިން ސުޕެއިންގެ އިތުރުން މަލްޓާ އާއި އައިލެންޑް ވެސް ވަނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް ބަލައިގަންނާނެ ކަމަށް އިއުލާން ކޮށްފައެވެ. އަދި ސެވިޑެން އާއި ޕޮލެންޑުން ވެސް ވަނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމަށް ތާއީދުކުރަން ވިސްނަމުންދާ ކަމަށް ބުނެފައެވެ.