ހުކުރު ދުވަހު އެމެރިކާގެ މެދުތެރޭގެ ސަރަހައްދަށް 70 އަށް ވުރެ ގިނަ ނަގޫރޯޅި އަރައިފިއެވެ.

މިޑީއާ ރިޕޯޓްތައް ބުނާގޮތުގައި މި ނަގޫރޯޅިތަކުގެ ސަބަބުން ގެތައް ހަލާކުވެ، ކަރަންޓް ލައިންތަކަށްވެސް ވަނީ ގެއްލުންވެފައެވެ. އަދި ތިން މީހަކު ޒަހަމްވެފައިވާ ކަމަށް އޮފިޝަލުން ބުނެފައި ވެއެވެ.

ނޭޝަނަލް ވެދަރ ސަރވިސް (އެންޑަބްލިއުއެސް) އިން އެމެރިކާގެ އެކި ކަންކޮޅުތަކަށް އައި 70 އަށްވުރެ ގިނަ ނަގޫރޯޅި ރެކޯޑްކޮށްފައިވާއިރު، އޭގެ ތެރޭގައި ގިނައީ ނެބްރަސްކާގެ ދަތުރުފަތުރުގެ މަރުކަޒެއް ކަމަށްވާ އޮމަހާގެ ވަށައިގެން އުފެދުނު ނަގޫރޯޅިތަކެވެ.

އެލްޚޮންގެ އޮމަހާ އަވަށުގައި އުފެދުނު ނަގޫރޯޅިތަކުގެ ސަބަބުން ގިނަ ގެތަކެށް ބޮޑެތި ގެއްލުންތައް ލިބުނުއިރު، ބައެއް ގެތަކުގެ ފުރާޅުތައް އެއްލާލާއި، ގަސްތަކަށްވެސް ގެއްލުންތައް ލިބިފައި ވެއެވެ.

އޮމަހާ ފުލުހުން މީސް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ އިމަޖެންސީގައި ހަރަކާތްތެރިވާ ފަރާތްތަކުން ގެއްލުން ލިބުނު ގެތައް ބަލާ، ޒަހަމްވި މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

އޭގެ އިތުރަށް ދެކުނުން ނެބްރަސްކާ ސްޓޭޓްގެ ވެރިރަށް ލިންކަން ކައިރީގައި ވަނީ އިންޑަސްޓްރިއަލް ޝެޑަކަށްވެސް ނަގޫރޯޅިއެއް ވަނީ އަރާފައެވެ.

ލެންކަސްޓާ ކައުންޓީގެ އޮފިޝަލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނީ ފުރާޅު ވެއްޓުނު އިރު އެތެރޭގައި ތިބި 70 ނުވަތަ އެއަށް ވުރެ ގިނަ މީހުން ހުސްކުރި ނަމަވެސް ތިން މީހަކަށް ފުރާނައަށް ނުރައްކާ ނުވާ ވަރުގެ ޒަހަމްތަކެއް ލިބިފައިވާ ކަމަށެވެ.

ލިންކަންގެ އިރު އުތުރުގައި، ވެވަރލީ ކައިރީގައި، ބާރުގަދަ ތޫފާނުގެ ވައިރޯޅިތަކުގެ ސަބަބުން ރޭލެއް ޓްރެކުން ވެއްޓުނު ކަމަށް އޮފިޝަލުން ބުނެފައި ވެއެވެ.

އަދި މޫސުމީ އަސަރުތަކުގެ ސަބަބުން ނެބްރަސްކާގެ ގާތްގަނޑަކަށް 11،000 ގޭބިސީއަކުން ކަރަންޓު ކެނޑިފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެފައި ވެއެވެ.

އެމެރިކާގެ މެދުތެރޭގެ ބައެއް ސްޓޭޓުތަކަށް ހުކުރު ދުވަހު ތޫފާނުގެ އިންޒާރު ދިން އެންޑަބްލިއުއެސް އިން ވަނީ ޓެކްސަސް އާ ހަމައަށް ދެކުނުގައި އޮންނަ މެދުތެރޭގެ ހިސާބަށް މިއަދު ވެސް ބާރުގަދަ ތޫފާންތައް އަންނާނެ ކަމުގެ އިންޒާރު ދީފައެވެ.