ދެކުނު އޭޝިއާ ސަރަޙައްދުގައި މި ފަހަކުން އުފެދުނު އެންމެ ބާރުގަދަ އެއް ތޫފާން ކަމަށް "ތޫފާން އެމްފަން" އިންޑިއާ އާއި ބަންގްލަދޭޝްގެ ބައެއްް ސަރަހައްދުތަކަށް އަރައި ވިޑެތި ގެއްލުންތަކެއް ވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނަން ފަށައިފިއެވެ.

އެ ތޫފާން އިންޑިއާ އާއި ބަންގްލަދޭޝްއަށް އަރާފައި ވަނީ އިއްޔެއެވެ. މި ތޫފާނުގެ މިހާތަނަށް 14 މީހަކު މަރުވެފައިވާ ކަމަށް ވަނީ ރިޕޯޓްކޮށްފައެވެ.

ބޭ އޮފް ބެންގަލްގައި އުފެދުނު އެ ތޫފާން އެމްފަން އިންޑިއާގެ އިރުމަތީ ހިސާބުތަކަށާއި، ބަންގްލަދޭޝްއަށް އެރިއިރު އޭގެ ސަބަބުން މި ދެ ގައުމުގެ އެ ސަަރަހަައްދުތަކުން ކަރަންޓް ކެނޑި، އިމާރާތްތަކުގެ ފުރާޅުތައް އެއްލާލައި، ގަސްތައް މުލުން ނެއްޓި، 115 މޭލަށް ވައި ޖެހުނު ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ބޮޑެތި ރާޅުތައް އަރައި، ރާޅުތަކުގެ އުސްމިނުގައި 16 ފޫޓު ހުރި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ސުޕަރ ސައިކްލޯންގެ ގޮތުގައި ސިފަކޮށްފައިވާ އެ ތޫފާނުގެ ސަބަބުން ވަރަށް ބޮޑެތި ގެއްލުންތަކެއް ދަނީ ވަމުންނެވެ.

މި ތޫފާނުގެ އިއްޔެ ބަންގްލޭޝް ހަތަރު މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ފަސް އަހަރުގެ ފިރިހެން ކުއްޖަކާއި، 75އަހަރުގެ ފިރިހެނެެއްވެސް ހިމެނެެއެވެ. އަދި މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވި ވޮލެންޓިއަރެއްވެސް ވަނީ ގެނބިގެން މަރުވެވައެވެ،

މި ތޫފާނާއި ގުޅިގެން އެ ދެ ގައުމުގެ ތޫފާން އަސަރު ކުރާނެ ކަމަށް ބެލެވޭ ސަރަހައްދުން ތިން މިލިއަނާއި ގާތް ކުރާ އަދަކަށް މީހުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައެވެ.

ތޫފާނުގައި ލިބުނު ގެއްލުންތަކާއި ގުޅޭގޮތުން ވެސްޓް ބެންގަލްގެ ޗީފް މިނިސްޓަރ މަމާތާ ބެނާރްޖީ، ވަނީ އެ ހާދިސާގައި މަދުވެގެން 10 މީހުން މަރުވިކަން ރިޕޯޓަރުންނަކަށް ކަށަވަރުކޮށްދީފައެވެ. އަދި މިއީ ކޮވިޑް-19އަށްވުރެ ބޮޑު ކާރިސާއެއްގައި ގޮތުގައި އޭނާ ވަނީ ސިފަކޮށްފައެވެ.

މި ތޫފާނުގެ ސަބަބުން އޮޑިޝާގައި ކަރަންޓު ނެތްއިރު، ކޮލްކަޓާގެ ބައެއް ސަރަހައްދުތަކުގައިވެސް ކަރަންޓެއް ނެތެވެ. މި ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކުރަމުން ދަނީ ކޮލްކަޓާއަށެވެ. އެ ސިޓީ ދަނީ މި ތޫފާނުގައި ސުންނާފަތިވަމުންނެވެ.