ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ނުރައްކާތެރި "ތޫފާން އެމްފަން"ގެ ސަބަބުން 22 މީހަކު މަރުވެ ގިނަ އަދެއްގެ ބަޔަކު ހާލުގައި ޖެހިފައިވާ ކަމަށް ކަމާއި ބެހޭ އިދާރާތަކުން ހާމަ ކޮށްފިއެވެ.

ތޫފާން އެމްފަންގެ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ އަވައްޓެރި އިންޑިއާ ބަންގްލަދޭޝް އަށެވެ. މި ތޫފާނުގެ ސަބަބުން މަރުވެފައިވަނީ 22 މީހުންނަކީ އިންޑިއާއަށާއި ބަންގްލަދޭޝްއަށް ނިސްބަތްވާ މީހުންނެވެ. އޭގެ ތެރެއިން 10 މީހުންނަކީ ބަންގްލްދޭޝްގެ މީހުންނެވެ. އަދި އަނެއް 12 މީހުންނަކީ އިންޑިއާގެ މީހުންނެވެ.

ތޫފާނުގެ ސަބަބުން ގިނަ ބަޔަކު ހާލުގައި ޖެހިފައިވާތީ، ކަމާއި ބެހޭ އިދާރާތަކުން މިހާރު ވަނީ ގެއްލުން ލިބިފައިވާ ފަރާތްތައް ދެނެގަތުމަށް ސާވޭ ކުރަން ފަށާފައެވެ.

އެމެރިކާގެ ޖޮއިންޓް ޓައިފޫން ވާނިންގް ސެންޓަރުން ބުނެފައިވާ ގޮތުގައި ތޫފާން އެމްފަން އަކީ އެޓްލާންޓިކް ކަނޑުގައި އުފެދޭ ކެޓެގަރީ 4 ގެ ތޫފާނަކާއި ނުވަތަ ޕެސިފިކް ކަނޑުގައި އުފެދޭ އެފަދަ ބާރުގަދަ ތޫފާނަކާއި އެއްވަރުގެ ތޫފާނެކެވެ. އެހެންކަމުން މިއީ މި ސަރަޙައްދުގައި މީގެ ކުރިން އުފެދިފައިނުވާ ފަދަ ނުރައްކާތެރި ތޫފާނެއް ކަމަށް އެ ސެންޓަރުން ބުނެއެވެ.

އެ ސެންޓަރުން ހާމަ ކޮށްފައިވާ ގޮތުގައި ތޫފާން އެމްފަން އުފެދުނު ފަހުން އޭގެ ބާރު އާދަޔާއި ޚިލާފަށް އިތުރުވަމުން ދެއެވެ. އެގޮތުން ގަޑިއަކު 270 ކިލޯމީޓަރަށް، ނުވަތަ 165 މޭލަށް ވައިގަދަވަމުން އަންނަ ކަމަށް އެ ސެންޓަރުން ވަނީ ބުނެފައެވެ.

ތޫފާން އެމްފަންގެ ސަބަބުން މި ދެ ގައުމުގެ އެކި ސަރަހައްދުތަކުން ކަރަންޓް ކެނޑި، އިމާރާތްތަކުގެ ފުރާޅުތައް އެއްލާލައި، ގަސްތައް މުލުން ނެއްޓިފައިވާ ކަން މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.