ލުބުނާނުގެ ވެރިކަންކުރާ ބެއިރޫތުގައި ރޭ ހިނގި ހާދިސާއަކީ ބަޔަކު ގަސްތުގައި ދިން ހަމަލާއެއްކަމަށް ބެލެވޭ ކަމަށް، އެމެރިކާއިން ބުނެފިއެވެ.
މިކަމާއި ގުޅިގެން ވާހަކަ ދައްކަމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފައިވަނީ، ބެއިރޫތުގެ ހާދިސާއަކީ ބޮމުގެ ހަމަލާއެއް ކަމަށް އެމެރިކާގެ އަސްކަރީ ބައެއް އިސް އޮފިޝަލުން ޤަބޫލުކުރާ ކަމަށެވެ. އަދި އެކަމާއި ގުޅޭގޮތުން އެފަރާތްތަކުން މަޢުލޫމާތު ޙިއްސާކޮށްފައިވާ ކަމަށް ވެސް ޓްރަމްޕް ބުނެފައި ވެއެވެ.
ޓްރަމްޕް މިގޮތަށް ބުނެފައިވީނަމަވެސް، މި ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބެއް އަދި ޔަޤީންކަމާއެކު އެނގިފައި ނުވާކަމަށް ލުބުނާނުގެ އިދާރާތަކުން މީގެ ކުރިން ވަނީ ބުނެފައެވެ.
މީގެ ކުޑައިރުކޮޅެއް ކުރިން ކުރިޔަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރަމްޕް ބުނެފައިވަނީ، ހާދިސާއާއި ގުޅިގެން ތަފާތު އެކި ވާހަކަތައް ދެކެވެމުންދާ ކަމަށެވެ. ނަމަވެސް ބޮޑަށް ބުރަވެވެނީ އެމެރިކާގެ އަސްކަރީ އޮފިޝަލުން މިކަމާއި ގުޅޭގޮތުން ދައްކާ ވާހަކަތަކަށް ކަމަށް އޭނާ ވަނީ ބުނެފައެވެ.
ބެއިރޫތަށް ދިނީ ހަމަލާއެއް ކަމަށް ޤަބޫލުކުރެވޭތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެމުން ޓްރަމްޕް ބުނެފައިވަނީ، އޮފިޝަލުން މިހާތަނަށް ޙިއްސާކުރި މަޢުލޫމާތުތަކަށް ބަލާއިރު އެއީ ޙަމަލާއެއް ކަމަށް ބެލެވޭ ކަމަށެވެ. އަދި އޭނާއަށްވުރެ ބޮޑަށް އެކަމާއި ގުޅޭގޮތުން ވާހަކަ ދައްކަން އެނގޭނީ އަސްކަރީ ފަރާތްތަކަށް ކަމަށް ޓްރަމްޕް ވަނީ ބުނެފައެވެ.
"އަސްކަރީ އޮފިޝަލުން ބުނާ ގޮތުން މިއީ ހަމަލާއެއް ކަމަށް ވަރަށް ބޮޑަށް ބެލެވޭ. އެފަރާތްތަކުން ދައްކާ ވާހަކަތަކުން އަޅުގަނޑަށްވެސް ޤަބޫލުކުރެވޭ ގޮތަކީ އެއީ. މިއީ ބަޔަކު ގަސްތުގައި ދިން ވަރުގަދަ ބޮމުގެ ހަމަލާއަކަށް ވެދާނެ،" ޓްރަމްޕް ބުނެފައި ވެއެވެ.
މި މޭރުމުން ވާހަކަ ދައްކަމުން ޓްރަމްޕް ވަނީ ހާދިސާ އާއި ގުޅިގެން އެމެރިކާއިން ލުބުނާނަށް ވެވެން އޮތް ކޮންމެ އެހީތެރިކަމެއްވެސް ވާން ތައްޔާރަށް އޮތް ކަމަށެވެ. އަދި ލުބުނާނުގެ ރައްޔިތުންނަކީ އެމެރިކާ އާއި ވަރަށް ގާތް ގުޅުމެއް އޮންނަ ބައެއް ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ.
ޓްރަމްޕް ވަނީ މި ހާދިސާގައި އަނިޔާވި މީހުންނަށް އަވަށް ޝިފާއަކަށް އެދި، މަރުވި މީހުންގެ އާއިލާއަށް ތައުޒިޔާ ފޮނުވާފައެވެ.
ބެއިރޫތުގައި ގޮވި ގޮވުމާއި ގުޅިގެން އެ ސިޓީގެ ބޮޑު ސަރަޙައްދެއް ވަނީ ސުންނާފަތިވެފައެވެ. މިގޮތުން ގިނަ އަދަދެއްގެ އިމާރާތްތައް ފުނޑުފުނޑުވެ ބިމާއި ހަމަވެފައި ވާއިރު، ހާދިސާގައި ރޯވި އަލިފާންގަނޑު އަދިވެސް ނިއްވާނުލެވޭ ކަމަށް އިދާރާތަކުން ބުނެއެވެ.
މި ހާދިސާގައި މިހާތަނަށް 70 އަށްވުރެ ގިނަ މީހުން މަރުވެފައި ވާއިރު، 4000 އެއްހައި މީހުންނަށް އެކިވަރުގެ އަނިޔާ ލިބިގެން އަންނަނީ ފަރުވާދެމުންނެވެ.
ލުބުނާނުގެ އިދާރާތަކުން ބުނެފައިވާ ގޮތުން ގޮވި ސަރަޙައްދުގައި ބާރުގަދަ ގޮވާތަކެތި ރައްކާކޮށްފައި ހުރި ބޮޑު ގުދަނެއްވެސް ހުއްޓެވެ. ފުރަތަމަ ގޮވުންތަކާއެކު ރޯވި އަލުފާންގަނޑަށްފަހު ބާރުގަދަ ގޮވުމެއް ގޮވާފައި ވަނީ ގުދަނުގައި އަލިފާން ރޯވުމުން ކަމަށް އެފަރާތްތަކުން ބުނެއެވެ.
މި ނުރައްކާތެރި ހާދިސާ އާއި ގުޅިގެން އެންމެ ބޮޑަށް ތުހުމަތު ކުރެވިފައިވަނީ ލުބުނާނާއިއެކު ހަނގުރާމަ އިއުލާނުކޮށްފައިވާ ހައްދުފަހަނައަޅާފައިވާ އިސްރާއިލް އަށެވެ. މިގޮތުން މިއީ އެޤައުމުގެ ވެރިން ފަހަތުގައި ތިބެ ހިނގި ޖަރީމާއެއް ކަމަށް ގިނަ ބަޔަކު އަންނަނީ ތުހުމަތު ކުރަމުންނެވެ. އިސްރާއިލް އަކީ ލުބުނާނާއި ސަރަޙައްދީ އިމުން ގުޅިފައި އޮންނަ ޤައުމެކެވެ.
ގޮވުމާއި ގުޅިގެން ކުރެވޭ ތުހުމަތުތައް އިސްރާއިލް އިން ދޮގު ކުރަމުން އަންނައިރު، ހާދިސާ ހިނގިތާ މާގިނައިރެއް ނުވަނީސް އެކަމުގައި އިސްރާއިލްގެ އަތެއް ނުވާ ކަމަށް އެޤައުމުގެ އިސް ފަރާތްތަކުން ވަނީ ބުނެފައެވެ. އަދި އެއީ "އެކްސިޑެންޓެއް" ކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ. މިއާއެކު އިސްރާއިލްއަށް ކުރެވޭ ތުހުމަތުތައް ވަނީ އިތުރުވެފައެވެ.
ހައްދުފަހަނައަޅާފައިވާ ޔަހޫދީން ސަލާމަތް ކުރަން ވެގެން އީރާން ގެ ހިޒްބުﷲ ގެ ފަރާތުން
އެމެރިކާ ބުޏާގޮތައް، މިވާނީ ބައެއްގެ ރޭވުން! އެބުނާ ބާވަތުގެ އެއްޗެހި ހިއެއްނުވޭ އެހާބާރުމިހުގަ ނގޮވާފާނެހެނެއް!