ތައިލެންޑްގެ ރަސްގެފާން މަހާ ވިިރަލޮންގްކޮން ރަސްކަމުގެ ނިޒާމު އިސްލާހުކޮށް، ތައިލެންޑްގެ ބޮޑުވަޒީރު ޕްރަޔޫތު ޗަން މަގާމުން ދުރުކޮށް އާއިންތިޚާބެއް ބޭއްވުމަށް ގޮވާލައި ތައިލެންޑްގެ ވެރިރަށް ބެންކޮކްގެ މަގުތަކަށް އިއްޔެވެސް ގިނަ އަދަދެއްގެ މީހުން ޖަމާވެއްޖެއެވެ. އިއްޔެ އަކީ މުޒާހަރާއަށް މީހުން މަގުތަކަށް ޖެހިޖެހިގެން ނިކުތް ދެވަނަ ދުވަހެވެ.
ތައިލެންޑްގެ ރަސްކަމާއި ދެކޮޅަށް އެގައުމުގެ ގިނަ އަދަދެއްގެ ރައްޔިތުން މުޒާހަރާ ކުރަން ފެށީ މީގެ ދެމަސް ދުވަސް ކުރިންނެވެ. ރަސްގެފާންގެ ގަނޑުވަރު ކައިރީ މަދުއަދަދެއްގެ މީހުން ފެށި މުޒާހަރާ މިހާރު އަންނަނީ ބޮޑުވަމުންނެވެ.
ތައިލެންޑްގެ ރަސްގެފާނާއި ދެކޮޅަށް އެގައުމުގެ ރައްޔިތުން މުޒާހަރާއަށް ނިކުމެފައި ވާއިރު ރަސްގެފާނު ގައުމުގައި ވަޑައިގެން ނޫޅުއްވައެވެ. ކޮވިޑް-19 ފެތުރެން ފެށުމުން ރަސްގެފާން ވަނީ ގިނަ އަދަދެއްގެ އަންހެނުންނާއި ޖަރުމަންވިލާތުގެ ރިސޯޓަކަށް ވަޑައިގެންފައެވެ.
މުޒާހަރާ ކުރާ މީހުން ބުނާ ގޮތުގައި މުޒާހަރާ ކުރާ މީހުންގެ ޑިމާންޑްތަކަށް އަމަލު ކުރަން ރަސްގެފާން ތައްޔާރަށް ހުންނެވިކަމުގެ ޔަގީންކަން ރޯޔަލް ގާޑްގެ ފުލުހުން މިހާރު ވަނީ ދީފައެވެ. ނަމަވެސް މިހާތަނަށް ރަސްގެފާންގެ ތަރުޖަމާން ވެސް އަދި ފުލުހުން ވެސް މިކަމާއި ގުޅިގެން އެއްވެސް މައުލޫމާތެއް ދީފައެއް ނުވެއެވެ.
ތައިލެންޑްގެ ރަސްކަމާއި ދެކޮޅަށް އަޑުއުފުލުމަކީ އެގައުމުގެ ޤާނޫނުތަކުން މަނާ ކަމެކެވެ. ރަސްކަމާއި ދެކޮޅަށް އަޑުއުފުލާ މީހުންނަށް ތައިލެންޑްގައި ހަރުކަށި އަދަބު ވެސް ދެއެވެ. ނަމަވެސް މިހާރު ފެށިގެން އުޅޭ މުޒާހަރާތަކާއި ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.
ތައިލެންޑްގެ ރައްޔިތުންނަކީ އެގައުމުގެ ރަސްކަމަށް ވަރަށް އިހްތިރާމް ކުރާ ބައެކެވެ. ނަމަވެސް މިހާރުގެ ރަސްގެފާން މަހާ ވިިރަލޮންގްކޮންގެ ބައްޕަ ބުމިބޮލް އަދުލްޔަދެޖް 2016 ވަނަ އަހަރު އަވަރާވި ފަހުން ތައިލެންޑްގެ ރައްޔިތުންގެ މެދުގައި ރަސްކަމަށް އޮންނަ އިހްތިރާމް ކުޑަވެ، ރަސްކަމާއި ދެކޮޅަށް ވާހަކަދައްކާ މީހުންގެ އަޑު އަންނަނީ ގަދަވަމުންނެވެ. ބުމިބޮލް އަދުލްޔަދެޖް 1946 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރާއި ހަމައަށް ރަސްކަން ކުރެއްވި ބޭފުޅެކެވެ.
ހުރިހާ އަންހިންވެރި ނުކުމެ ރަސްގެފާނުގެ ފައިގައި ރަގަޅަށް ތެޔޮލާދީ.. އޭރުން އަވަހަށް ތިކަންނިންމާލެވޭނީ..