އުމްރާގެ އަޅުކަން ކުރުމަށް ސައުދި އަރަބިއްޔާއަށް އެކި ގައުމުތަކުން 10،000 ވަރަކަށް މީހުން ގޮސްފައިވާ ކަމަށް އެގައުމުގެ ޑެޕިއުޓީ މިނިސްޓަރ އޮފް ހައްޖު އެންޑް އުމްރާ، އަމްރު އަލް މައްދާ ވިދާޅުވެއްޖެއެވެ.

އުމްރާގެ އަޅުކަން ފަށާފައިވަނީ ކޮވިޑް-19ގެ ސަބަބުން ހަތް މަސް ދުވަސްވަންދެން ބަންދު ކުރުމަށް ފަހުގައެވެ.

އަމްރު ވިދާޅުވީ، އެކި ގައުމުތަކުން އުމްރާގެ އަޅުކަން ފުރިހަމަ ކުރުމަށް އަންނަ ފަރާތްތަކުން ތިން ދުވަހަށް އެކަހެރި ވާން ޖެހޭނެ ކަމަށާއި އެގައުމުގައި އެމީހުންނަށް ތިބެވޭނީ 10 ދުވަހަށް ކަމަށެވެ.

އޭނާ ވިދާޅުވީ، އުމްރާގެ އަޅުކަމަށްދާ 50 އަހަރުން މަތީގެ މީހުންނާއި އޭގެ ދޮށީ މީހުން ކޮވިޑް-19 އަށް ޓެސްޓް ކުރުން ގަވައިދުން ކުރިއަށް ދާނެ ކަމަށާއި އެފަދަ ދަނޑިވަޅެއްގައި އެ ބައްޔަށް ފައްސިވެއްޖެ ނަމަ ގާތުން މޮނިޓަރ ކުރާނެ ކަމަށެވެ.

އެގައުމަށް ދިޔުމުގެ ކުރިން 72 ގަޑި އިރު ތެރޭ ހަދާފައިވާ ކޮވިޑް-19 ޕީސީއާރު ޓެސްޓުގެ ނަތީޖާ ހަވާލު ކުރަން ޖެހޭނެއެވެ.

ކޮވިޑް-19 އަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުޔެއް ދީ، ސައުދީގައި ތިބޭ މީހުންނަށް އުމްރާ ކުރުމަށް ފުރުސަތު ހުޅުވާލާފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ. އޭގެ ފަހުން 6،000 މީހުންނަށް އެ ފުރުސަތު ވަނީ ދީފައެވެ. އަދި އެމަހުގެ ފަހުކޮޅުގައި އިތުރު 15،000 މީހަކަށް ވަނީ އެ ފުރުސަތު ހުޅުވާލާފައެވެ.

އަމްރު ވިދާޅުވީ، އުމްރާ ކުރުމަށް ފުރުސަތު ދީފައިވި ނަމަވެސް، އެއްވެސް މީހަކަށް ގެފުޅުގައި އަތް ލުމުގެ ހުއްދައެއް ދީފައި ނުވާނެ ކަމަށެވެ.

ސައުދީ އަރަބިއްޔާއިން މިހާތަނަށް 347,200 އަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ވަނީ ފައްސިވެފައެވެ. އޭގެ ތެރެއިން 333،000 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، 5،402 މީހަކު ވަނީ މި ބަލި ޖެހިގެން މަރުވެފައެވެ.