ސްރީލަންކާގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރު ވަމުން އަންނާތީ ކޮލަމްބޯގައި އިއުލާނު ކުރި ކާފިއުގެ މުއްދަތު އިތުރު ކޮށްފިއެވެ.

ކޮވިޑް-19ގެ ދެވަނަ ރާޅެއް ލަންކާއަށް އެރުމުގެ ސަބަބުން ކާފިއު އިއުލާނު ކޮށްފައިވަނީ ލަންކާގެ ހުޅަނގުގެ ބައެއް ސަރަހައްދުތަކެވެ. އޭގެ ތެރޭގައި ކޮލަމްބޯވެސް ހިމެނެއެވެ.

ކޮވިޑް-19ގެ ވޭދަނަތައް އަލުން އިތުރުވާން ފެށުމާއި އެކީ އެގައުމުގައި ކާފިއު އިއުލާނު ކޮށްފައިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ. އޭރު ކާފިއު އިއުލާނު ކޮށްފައިވަނީ ވެރިރަށް ކޮލަމްބޯގެ ފޯޓް، ޕެޓާ، ބޮރެއްލާ އަދި ވެލިކަޑައިގައެވެ.

އޭގެ ފަހުން މި މަހުގެ 29 ވަނަ ދުވަހުން ފެށިގެން ދިގު ބަންދެއް އަންނަކަމުން މީހުން ދަތުރުކުރުން ހުއްޓުވަން މުޅި ކޮލަމްބޯގައި ވަނީ ކާފިއު އިއުލާން ކޮށްފައެވެ. އަދި އެ ކާފިއުގެ މުއްދަތު މި މަހުގެ 9 އާއި ހަމައަށް އިތުރުކޮށްފައި ވަނީ މިއަދުއެވެ.

މިއަދު ކާފިއުގެ މުއްދަތު އިތުރު ކޮށްފައިވާކަން ހާމަކޮށްފައި ވަނީ އެގައުމުގެ އެންޓި-ކޮވިޑް ޗީފް ޖެނެރަލް ޝަވެންދްރާ ސިލްވާ އެވެ.

"މިހާ ހިސާބަތް ބެލި ބެލުމަށްފަހު އަޅުގަނޑުމެން ވަނީ ހުޅަނގުގެ ޕްރޮވިންސްގައި ކާފިއުގެ މުއްދަތު މިމަހުގެ 9 ވަނަ ދުވަހާއި ހަމައަށް އިތުރު ކޮށްފައި. ސަބަބަކީ މި ސަރަހައްދުން ހަލުވިކަމާއި އެކު މީހުން ފައްސިވަމުން އަންނާތީ." ޝަވެންދްރާ ބުންޏެވެ.

އޭނާ އެގޮތަށް ބުނެފައިވަނީ މިހާރު އެގައުމުގައި ހަލުވި ކަމާއި އެކީ ބަލި ފެތުރެން ފަށާފައިވާތީއެވެ. ކޮލަމްބޯގެ އިތުރުންވެސް އެހެލިޔާގޮޑާ ފުލުހުންގެ ސަރަހައްދާއި ކުރުނެގަލާ މުނިސިޕަލް ސަރަހައްދާއި ކުލިޔަޕިތިޔާ ފުލުހުންގެ ސަރަހައްދުގައި ވެސް ވަނީ ކާފިއުގެ މުއްދަތު އިތުރު ކޮށްފައެވެ.

ސްރީލަންކާގެ ވެރިރަށް ކޮލަމްބޯ އަކީ ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ ސިޓީއެކެވެ. ދިވެހިން އެންމެ ގިނައިން ދިރިއުޅޭ ދެހިވަލާ އާއި ވެއްލަވައްތާގައިވެސް ކާފިއު ވަނީ އިއުލާން ކޮށްލާފައެވެ.

ޝަވެންދްރާ ބުނެފައިވަނީ ކާފިއު އިއުލާނު ކުރުމާއި އެކީ ބޭރަށް ނިކުމެވޭނީ ވަކި ހާއްސަ ހުއްދައެއް އޮންނަ މަޖުބޫރު ތަންތަނުގައި މަސައްކަތް ކުރާ މީހުންނަށް އެކަނި ކަމަށާއި ކޮވިޑް-19ގެ ޓެސްޓު ހެދުމަށް ސިއްހީ މާހިރުން އެދުމުން އެކަމަށް އެއްބާރުލުން ދިނުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.