މެކްސިކޯއިން އިތުރު 877 މީހަކު ކޮވިޑް-19 ޖެހިގެން މަރުވެއްޖެއެވެ.

ކޮވިޑް-19ގެ އެންމެ ފަހުގެ ތަފާސް މައުލޫމާތު އާއްމު ކުރާ ބައިނަލް އަގުވާމީ އިދާރާއަކުން ނެރެފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، އެގައުމުން އިތުރު 877 މީހަކު މަރުވެ، ޖުމްލަ މަރުވި މީހުންގެ އަދަދު ވަނީ 249,529 އަރާފައެވެ.

ދުނިޔެއިން 15 ވަނަ އަށް އެންމެ ގިނަ މީހުން ފައްސިވެފައިވާ މެކްސިކޯއަށް މިހާރު ކޮވިޑްގެ ތިން ވަނަ ރާޅެއް އަރާފައިވާއިރު، ފައްސިވާ މީހުންގެ އިންސައްތަ ވެސް ވަނީ ބޮޑުތަނުން އިތުރު ވެފައެވެ.

އެގޮތުން ފާއިތުވި 24 ގަޑިއިރު އިތުރު 14،814 މިހަކު މި ބައްޔަށް ފައްސިވެ، ޖުމްލަ ފައްސިވި މީހުންގެ އަދަދު ވަނީ 3,123,252 އަށް އަރާފައެވެ.

އެގައުމުން މިހާތަނަށް އެންމެ ގިނަ މީހަކު އެއްދުވަސް ތެރޭ ފައްސިވެފައިވަނީ މިމަހުގެ 13 ވަނަ ދުވަހުއެވެ. އެދުވަހު 24،975 މީހަކު ވަނީ ބައްޔަށް ފައްސިވެފައެވެ. އަދި އެންމެ ގިނަ ބަޔަކު އެއް ދުވަސް ތެރޭ މަރުވެފައިވަނީ ޖެނުއަރީ މަހުގެ 22 ވަނަ ދުވަހުއެވެ. އެދުވަހު އެގައުމުން 1،417 މީހަކު ވަނީ ބަލީގައި މަރުވެފައެވެ.

މެކްސިކޯއިން ބަލި ޖެހުނު މީހުންގެ ތެރެއިން 2,470,033 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، މިވަގުތު ބައްޔަށް ފައްސިވެފައި ތިބީ 403,690 މީހުންނެވެ. އޭގެ ތެރެއިން 4,798 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެން ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ދުނިޔޭގެ 220 ގައުމަކާއި ސަރަހައްދަކަށް ކޮވިޑް ފެތުރިފައިވާއިރު، މިހާތަނަށް 209 މިލިއަނަށްވުރެ ގިނަ މީހުންނަށް ވަނީ މި ބަލި ޖެހިފައެވެ. އަދި 187 މިލިއަނަށްވުރެ ގިނަ މީހުން ބަލިން ރަނގަޅުވެފައިވާއިރު، ހަތަރު މިލިއަނަށްވުރެ ގިނަ މީހުން ވަނީ މި ބަލީގައި މަރުވެފައެވެ.