އަފްޣާނިސްތާނުގެ އޮފިސްތަކުގައި މަސައްކަތް ކުރާ ފުރަތަަމަ ދުވަހު އަފްޣާނިސްތާން ސަރުކާރަށް ހިދުމަތްކުރާ މުވައްޒަފުން، އެމީހުންގެ މަސައްކަތަށް އެނބުރި ދިއުމަށް ޠާލިބާނުން ހުރަސްއަޅާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އޭއެފްޕީ ނޫހުން ޝާއިޢު ކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ހުރި ފޮރިން މިނިސްޓްރީއަށް ދެވޭ މަގުތަށް ޠާލިބާނުން ބަންދުކޮށްފައިވާ ކަމަށެވެ. އޭއެފްޕީން ނޫހުން އެގޮތަށް ރިޕޯޓު ކޮށްފައިވަނީ ފޮރިން މިނިސްޓްރީގެ މުވައްޒަފުންނާއި ހަވާލާދީފައެެވެ.

"އެމީހުން އެއްވެސް މީހަކު އޮފީހަކަށް ނުވައްދާ. ޠާލިބާނުންގެ ތެރެއިން މީހަކު އެންގި މިނިސްޓަރަކާއި ޑިރެކްޓަރުން ހޮވަންދެން މަޑުކޮށްލަން" ނަން ހާމަ ނުކުރުމަށް އެދި އޭއެފްޕީ ނޫހަށް މައުލޫމާތުދިން މުވައްޒަފަކު ބުނެފައިވެއެވެ.

ފޮރިން އެކްސްޗޭންގް މާކެޓްވެސް ސެންޓްރަލް ބެންކުން ވަކި އެއްޗެއް އަންގަންދެން ބަންދުކޮށްފައިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ. ބައެއް އޮފިސްތަަކަށް މުވައްޒަފުން އެތެރެވުން މަނާކޮށްފައިވަނިކޮށް ރޫރަލް ރީހެބިލިޓޭޝަން މިނިސްޓްރީގެ މުވައްޒަފަކު މީޑިއާއަށް މައުލޫމާތުދެމުން ބުނީ މުވައްޒަފެއްކަން އަންގައިދީ، އައިޑީ ކާޑު ދެއްކުމުން އޮފީހަށް އެތެރެވުމަށް ހުއްދަ ދީފައިވާ ކަމަށެެވެ.

ޠާލިބާނުން އޮފިސްތަކަށް މުވައްޒަފުން އެތެރެވުން ހުއްޓުވާފައިވަނީ އަފްޣާނިސްތާން އެޖަމާއަތުގެ ކޮންޓްރޯލްގެ ދަށަށް ގެނައިތާ ދެތިން ދުވަސް ފަހުން އެގައުމުގައި ތިިބި ހުރިހާ އަންހެނުން ސަރުކާރުގެ ވަޒީފާތަކަށް ނުކުތުމަށް ތާލިބާނުން ގޮވާލި ފަހުން ހަފްތާއެއް ނުވަނީހެވެ.

އިސްލާމިކް އެމިރޭޓްސް އޮފް އަފްޣާނިސްތާނުގެ ސަރުކާރުގެ ވަޒީފާތަކަށް އަންހެނުން ނުކުތުމަށް ގޮވާލައި ތާލިބާނުންގެ ކަލްޗަރަލް ކޮމިޝަނުގެ މެމްބަރެއް ކަމަށްވާ އިނާމުﷲ ސަމަންޣަނީ ބުނީ ސަރުކާރުގެ އޮނިގަނޑުގައި އަންހެނުން ތިބެންވާނީ އިސްލާމީ ޝަރީއަތާ އެއްގޮތަށް ކަމަށެވެ.

ޠާލިބާނުން ވެރިކަމަށް އައުމަށް ފަހު އަންހެނުންނަށް ވަޒީފާ އަދާކުރުމުގެ ފުރުސަތު ދޭނެކަމަށް ބުނެ، އަފްޣާނިސްތާނުގެ ވެރިކަން އަތުލުމަށް ފަހު ކަންދަހަރްގެ އަޒީޒީ ބެންކުގައި މަސައްކަތް ކުރާ ނުވަ އަންހެނުން ތާލިބާނުން ވަނީ ބަޑީގެ ބިރުދައްކައިގެން ގެއަށް ފޮނުވާފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓް ކޮށްފައި ވެއެވެ. އަދި އެ ނުވަ އަންހެނުންނަށް ވަޒީފާއަށް ނުނިކުތުމަށް އަންގާފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޜައުފާ

    ޥަޒީފާގައި އުޅޭ ކަމުގެ ލިޔުން ދެއް ކުމުން އޮފީހަށް ވަދެވޭ ކަމަށް ނޫސްތަ ކުގައި ވޭ.

  2. ޖުމުހޫރީ މައިދާނުން

    އެމެރިކާ މީހުންނަށްވުރެ، ތޯލިބާނުން ރަނގަޅުވާނެ