ތާލިބާނުންގެ ކޮންޓްރޯލުގެ ދަށަށް ގެނެސްފައިވާ އަފްޣާނިސްތާނަށް ޗައިނާއިން ސިޔާސީ ނުފޫޒު ފޯރުވާކަމުގެ ތުހުމަތު ކޮށްފިއެވެ.

ޗައިނާ އިން ބޭނުންވާ ކަންކަން ތާލިބާނުން ކުރާ ނަމަ ތާލިބާނުންނަށް އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދޭނޭ ކަމަށްވެސް މީގެ ކުރީގައި ވަނީ ވާހަކަ ދެކެވިފައެވެ. ޗައިނާގެ އިދިކޮޅު ލީޑަރު ޖިއަންލީ ޔަންގް އަދި ކުރީގެ ކޮމިއުނިސްޓް ޕާޓީގެ ލީޑަރުގެ ދަރިކަލުން ބުނެފައިވާގޮތުގައި ޗައިނާ އިން ދެކަމެއް ތާލިބާނުންގެ ފަރާތުން އެދޭކަމަށެވެ.

ޖިއަންލީ ބުނީ ޗައިނާ އިން ބޭނުންވަނީ އެ ގައުމުން ކުރިޔަށް ގެންދާ އިންޑިއާ އާއި ދެކޮޅު ޕްރޮޕެގެންޑާ ފުޅާކުރުމަށް ކަމަށެވެ. އަދި ޗައިނާގެ ޒިންޖިއަން ގައި އީސްޓް ތުރްކިސްތާން އިސްލާމިކް މޫމެންޓު ފުޅާކުރަން ޗައިނީސް ކޮމިއުނިސްޓް ޕާޓީން ބޭނުންވާ ކަމަށް އޭނާ ބުނެފައި ވެއެވެ.

އަފްޣާން ތާލިބާން ކުރިއަރާނީ މި ކަންކަން ކުރިޔަށްދާ ގޮތަށް ބަލާފައި ކަމަށް އޭނާ ބުނެފައިވާއިރު ފާއިތުވި މަހުގައި ތާލިބާނުންގެ އިސް އޮފިޝަލުންތަކެއް ވަނީ ޗައިނާގެ ފޮރިން މިނިސްޓަރު އާއި ބައްދަލުކުރައްވައިފައެވެ. މި ބައްދަލުކުރެއްވުމުގައި ތާލިބާނުން ވަނީ އަފްޣާނިސްތާނުގައި އެމީހުން ހަނގުރާމައިގެ ބޭސްއެއް ގާއިމު ނުކުރާނެ ކަމަށް ވައުދުވެފައެވެ.

ތާލިބާނުންގެ ކުރި ވައުދާއެކު ޗައިނާ އިން ވަނީ ތާލިބާނުންނަށް އަފްޣާނިސްތާނު އާރާސްތު ކުރުމަށާއި އެހެނިހެން ކަންކަން ކުރުމަށް އެހީތެރިކަން ދޭނެ ކަމަށް ބުނެފައެވެ.

އަފްޣާނިސްތާނުގެ ވެރިކަން ތާލިބާނުންގެ އަތް ދަށަށް ގެނައީ އެމެރިކާ ސިފައިންނާއި 20 އަހަރުވަންދެން ހަނގުރާމަކުރުމަށް ފަހުގައެވެ. އެމެރިކާ ސިފައިން ވަނީ މީގެ 20 އަހަރުކުރިން އަފްޣާނިސްތާނަށް ގޮސް އަސްކަރީ އެކި ތަމްރީނުތަކާއި މިޝަންތައް ކުރުމުގެ ނަމުގައި އެތައް ހަނގުރާމައެއް ކޮށްފައެވެ. އަދި އެތައް ބިލިއަން ޑޮލަރު ހަރަދުކޮށް އަފްޣާނިސްތާނުގެ ސިފައިންނަށް އެކި ތަމްރީނުތައްވެސް އެމެރިކާ ސިފައިން ވަނީ ދީފައެވެ.

އަފްޣާނިސްތާނުގެ ސަރުކާރާއެކު އެމެރިކާއިން ހަދާފައިވާ އެއްބަސްވުންތައް ހުއްޓާލައި އެމެރިކާ ސިފައިން އެނބުރި ގައުމަށް ގެނައުމުން އަފްޣާނިސްތާން ސަރުކާރަށް ވާގިވެރިވާ ފަރާތްތަކުން ވަނީ ރައީސް ބައިޑެންގެ އިސްތިއުފާއަށް ވެސް ގޮވާލައިފައެވެ.

އެމެރިކާގެ ވައިޓް ހައުސްގެ ބޭރުގައި އެތައް ސަތޭކަ ބަޔަކު ވަނީ ދާދިފަހުން މުޒާހަރާކޮށްފައެވެ. އެފަރާތްތަކުން ވަނީ އެމެރިކާ ސިފައިން އަފްޣާނިސްތާނުން ބޭލުމުން އެކަމާ ނުރުހުން ފާޅުކޮށް އަޑު އުފުލައިފައެވެ.

ޗައިނާގެ އިތުރުން އަފްޣާނިސްތާނުގެ ސަރުކާރާއި މިހާރު ހަވާލުވާން ތައްޔާރުވާން ތިބި ތާލިބާނުންނާއި ވާގިވެރިވާނީ ސައުދި އަރަބިއްޔާ ސަރުކާރާއި ޕާކިސްތާން ސަރުކާރާއި ރަޝިޔާ ސަރުކާރު ކަމަށް ބެލެވެއެވެ.