މިސްރުގެ ހޮސްޕިޓަލެއްގެ ކުޑަކުދިންނަށް ފަރުވާ ދޭ ނާސަރީއެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ތުއްތު ކުއްޖަކު މަރުވެ ގިނަ ކުދިންނަށް އެކި ވަރުގެ ޒަހަމްތަކެއް ވެއްޖެއެވެ.

މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އަލިފާނުގެ ހާދިސާ ހިނގަން ދިމާވެފައިވަނީ އޮކްސިޖަން ޕަމްޕްގެ ރެގިއުލޭޓަރެއްގައި ރޯވެގެންނެވެ. އެއާއި އެކީ މުޅި ހޮސްޕިޓަލުގެ އޮކްސިޖަން ފޯރުކޮށްދޭ ސިސްޓަމް ހަލާކު ވެފައިވާ ކަމަށް ވެސް ރިޕޯޓްތަކުން ބުނެއެވެ.

މި ހާދިސާގައި މަރުވެފައިވަނީ 20 ދުވަހުގެ ތުއްތު ކުއްޖެއް ކަމަށް ވެސް ރިޕޯޓްތަކުން ބުނެފައިވެއެވެ. ހާދިސާގައި އެކި ވަރުގެ ޒަހަމްތައް ލިބުނު އަށް ކުދިން އިތުރު ފަރުވާއަށް އެހެން ފެސިލިޓީތަކަށް ވެސް ވަނީ ބަދަލު ކޮށްފައެވެ.

މި ހާދިސާގައި އަށް ކުދިންނަކަށް އެކި ވަރުގެ އަނިޔާތަކެއް ލިބުނު ނަމަވެސް، އެ ކުދިންނަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް އާއްމު ކޮށްފައެއް ނުވެއެވެ.

އެ ހޮސްޕިޓަލުން މިހާރު އަންނަނީ ހާދިސާ ހިނގަން މެދުވެރިވި ގޮތް ބެލުމަށް ތަހުގީގެއް ފަށާފައެވެ.

ދުނިޔޭގެ ބޮޑެތި ހޮސްޕިޓަލުތަކުގައި މިފަދަ ހާދިސާތައް މަދުން ނަމަވެސް ހިނގާކަން ފާހަގަވެފައެވެ. އެފަދަ ހާދިސާތަކުގައި ހޮސްޕިޓަލުގައި ތިބޭ ބަލި މީހުން މަރު ވެސް ވެފައިވެެއެވެ.