ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިވްއެޗްއޯ) އާއި އދގެ ކުޑަކުދިންގެ އިދާރާއިން އަފްޣާނިސްތާނުގައި ތިބި އެތައް މިލިއަން ކުޑަކުދިންނަށް ޕޯލިއޯ ވެކްސިން ދިނުމަށް ހަތަރު ދުވަހުގެ ހާއްސަ ކެމްޕޭނެއް ފަށައިފިއެވެ.

މިނިސްޓްރީ އޮފް ޕަބްލިކް ހެލްތުން އިޢުލާންކޮށް، ތާލިބާނުންގެ ތާއީދާއެކު ކުރިއަށް ގެންދާ މި ޕްރޮގްރާމްގެ މަޤްޞަދަކީ 2018 ވަނަ އަހަރުން ފެށިގެން ވެކްސިން ނުޖަހާ ތިބި 3.3 މިލިއަން ކުދިންނަށް ވެކްސިން ދިނުމެވެ.

ހުޅަނގުގެ މަދަދު ލިބޭ ކުރީގެ ސަރުކާރާއި ތާލިބާނުންގެ ފައުޖުތަކާ ދެމެދު ހިނގި ކުރިމަތިލުންތައް އިތުރުވުމުގެ ސަބަބުން ފާއިތުވީ ތިން އަހަރު ދުވަހުގެ ތެރޭގައި އެގައުމުގެ ކުދިންނަށް ވެކްސިން ޖެހުން ވަނީ އުނދަގޫ ކަމަކަށް ވެފައެވެ. ސިއްހީ ހިދުމަތްތެރިންނާއި، އެހީ ފޯރުކޮށްދިނުމުގައި މަސައްކަތް ކޮށްފައިވާ ބައެއް ފަރާތްތަކުން ރަހީނު ކޮށްފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ނަމަވެސް، މިދިޔަ އޮގަސްޓު މަހުގެ 15 ވަނަ ދުވަހު އަފްޣާނިސްތާނުގެ ވެރިކަމަށް ތާލިބާނުން އައުމަށްފަހު ސިއްހީ ހިދުމަތްތެރިންނާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށް އެއްބާރުލުމާއި ރައްކާތެރިކަން ކަށަވަރުކޮށްދޭނެކަމަށް އެ ޖަމާޢަތުންވަނީ ބުނެފައެވެ.

މިހާރު ދުނިޔޭގެ ހުރިހާ ޤައުމަކަށް ބަލާއިރު މި ޕޯލިއޯ ބަލި ފެތުރެނީ ދެ ގައުމެއްގައެވެ. އެއް ޤަައުމަކީ އަފްޣާނިސްތާނަށް ވާއިރު، އަަނެއް ޤައުމަކީ ޕާކިސްތާނެެވެ.

ވެރިރަށް ކާބުލް ހިމެނޭ ގޮތަށް ގާތްގަނޑަކަށް ހުރިހާ ސަރަހައްދެއް ކޮންޓްރޯލް ކުރަމުން އަންނަ ތާލިބާން ޖަމާއަތުގެ އިސްލާމިކް އެމިރޭޓްސްއިން މި ކެމްޕޭންތަކުގައި ބައިވެރިވެއެވެ. އަދި މިކަމަކީ އާއިލާތަކާއި ސިއްހީ ހިދުމަތްތެރިންނާއި ވޮލަންޓިއަރުންގެ ސަލާމަތަށް ބިރެއް ނެތި އެ ގައުމުގެ ކުޑަކުދިންނަށް ވެކްސިން ޖެހޭނެކަމުގެ އުންމީދު އާވެގެންދިޔަ ކަމެކެވެ.