ޖަޕާންގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އަވަހާރަކޮށްލި މައްސަލަ ތަހްގީގު ކުރުމަށް 90 މީހުން ހިމެނޭ ޓާސްކްފޯސްއެއް އުފައްދައިފިއެވެ.

ޖަޕާންގެ ފުލުހުންގެ އިދާރާ އިން ބުނީ މިޓާސްކްފޯސް އިން އަބޭގެ ސަލާމަތީ ކަންކަން ބެލެހެއްޓުން ފެއިލްވި ސަބަބު ވެސް ބަލާނެ ކަމަށެވެ.

އަބޭއަށް ހަމަލާ ދިން ސަރަހައްދުގެ ފުލުހުންގެ އިދާރާ އިން ބުނާ ގޮތުގައި އެސަރަހައްދަށް އަބޭ ޒިޔާރަތް ކުރާކަން އެނގުނީ ބުރާސްފަތި ދުވަހު ހަވީރުއެވެ. ނަމަވެސް އަބޭއަށް އެކަށީގެންވާ ސެކިއުރިޓީ ފޯރުކޮށްދިނުމަށް ފުލުހުން ހާއްސަކޮށް އެސަރަހައްދަށް ފޮނުވިކަމަށް ފުލުހުން ބުނެއެވެ.

ބަޑިއަކުން އަބޭއަށް ހަމަލާ ދިނީ ހުކުރު ދުވަހު ހެނދުނު ކުރިއަށް ދިޔަ ކެމްޕޭން އެއްވުމެއްގައި ތަގުރީރު ކުރައްވަން ހުންނަވަނިކޮށެވެ. ހަމަލާ ދިނުމާއިއެކު އަބޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފެށިއެވެ. ނަމަވެސް އޭނާގެ ފުރާނަ ސަލާމަތް ކުރެވޭ ގޮތެއް ނުވިއެވެ.

އަބޭއަށް ހަމަލާދިން މީހާ، ހަމަލާދިން ވަގުތު ވަނީ ހައްޔަރު ކޮށްފައެވެ. އަބޭއަށް ހަމަލާ ދީފައި ވަނީ އުމުރުން 41 އަހަރުގެ ޔަމަގަމީ ޓެޓްސްޔާއެވެ. ހަމަލާ ދިނުމަށް އޭނާ ބޭނުން ކޮށްފައި ވަނީ އަމިއްލައަށް ހަދާފައިވާ ބަޑިއެކެވެ. އޭނާ ހައްޔަރު ކުރިފަހުން ފުލުހުން އޭނާގެ އެޕާޓްމަންޓް ބަލައި ފާސްކުރިއިރު އަމިއްލައަށް ހަދާފައިވާ ވަރަށް ގިނަ ފިސްތޯލަ އާއި ގޮވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އުމުރުން 67 އަހަރުގައި އަވަހާރަވި އަބޭއަކީ ޖަޕާންގެ ބޮޑުވަޒީރުކަން އެންމެ ގިނަ ދުވަހު ކުރެއްވި ބޭފުޅާއެވެ. އޭނާ އަވަހާރަކޮށްލުމާއިއެކު ޖަޕާނަށް ވަނީ ކުއްލި ޝޮކެއް ލިބިފައެވެ. ޖަޕާނަކީ ބަޑި ގެންގުޅުން ހުއްދަ ގައުމެއް ނަމަވެސް ބަޑި ބޭނުންކޮށްގެން ހިންގާ ކުށްތައް އެގައުމުގައި އިންތިހާއަށް މަދެވެ.