ސްވިޑިން ނޭޓޯގެ މެންބަރު ގައުމަކަށް ވުމަށް ކުރަމުން އަންނަ މަސައްކަތައް ތުރުކީވިލާތުގެ ގާނޫނު ހަދާ މަޖިލީހުން ވެސް ހުރަސް އަޅައިފިއެވެ. ސްވިޑިން ނޭޓޯގެ މެންބަރަކަށް ވުމަށް ކުރަމުން އަންނަ މަސައްކަތައް ރުހުން ނުދޭނެ ކަމަށް ތުރުކީވިލާތުގެ ރައީސް ޠައްޔިބު އުރުދޮޣާން ކުރިން ވެސް އޮތީ ބުނެފައެވެ. އެއީ ސްވިޑިން މީހަކު ތުރުކީވިލާތުގެ އެމްބަސީ ކުރިމަތީގައި ކީރިތި ޤުރުއާން އެންދިއިރު ވެސް ސްވިޑިން ސަރުކާރުން އެކަމަށް އެއްވެސް ފިޔަވަޅެއް ނޭޅުމުންނެވެ.

އޭގެ އިތުރުން ތުރުކީވިލާތުގެ ސަރުކާރުން ޓެރަރިސްޓުން ކަމަށް ކަނޑައަޅާފައިވާ ބަޔަކަށް ސްވިޑިން ސަރުކާރުން ހިމާޔަތް ދީފައިވާ މައްސަލަ ވެސް ވަނީ ބޮޑުވެފައެވެ.

ތުރުކީވިލާތުން ބުނާ ގޮތުގައި ސްވިޑިން އަށް ނޭޓޯގެ މެންބަރުކަން ދިނުމަށް ރުހުން ދެވޭނީ 2016 ވަނަ އަހަރު އެގައުމަށް ގެންނަން އުޅުނު ބަޣާވާތުގެ ބައިވެރިންނާއި އަދި ކުރުދީ ހަނގުރާމަވެރިންގެ މައްސަލައިގައި މަޝްވަރާ ކޮށްގެން ކަމަށެވެ.

ސްވިޑިން އަށް ނޭޓޯގެ މެންބަރުކަން ދޭން ތުރުކީވިލާތުގެ ގާނޫނު ހަދާ މަޖިލީހުން ރުހުން ނުދިން ނަމަވެސް ތުރުކީވިލާތުގެ ގާނޫނު ހަދާ މަޖިލީހުން ވަނީ ފިންލޭންޑަށް ނޭޓޯގެ މެންބަރުކަން ދިނުމަށް ރުހުން ދީފައެވެ.

ނޭޓޯގެ އުސޫލުތައް އޮންނަ ގޮތުން އާގައުމަކަށް މެންބަރުކަން ދެވޭނީ ހުރިހާ މެންބަރު ގައުމަކުން ވެސް އެކަމަށް ރުހުން ދިނުމުންނެވެ.

ސްވިޑިން އިން އުއްމީދު ކުރަނީ އަންނަ މެއި މަހުގެ 14 ވަނަ ދުވަހު އޮންނަ ތުރުކީވިލާތުގެ ރިޔާސީ އިންތިހާބާއި ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބުގެ ނަތީޖާ ނިކުންނަ ގޮތަކުން އެގައުމު ނޭޓޯގެ މެންބަރަކަށް ވުމަށް ތުރުކީވިލާތުގެ ރުހުން ލިބިދާނެ ކަމަށެވެ.

ރަޝިއާ އިން ޔޫކްރޭނަށް ހަމަލާތައް ދޭން ފެށުމުން ފިންލޭންޑާއި ސްވިޑިން އިން ވަނީ އަމިއްލަ ގައުމު ދިފާއު ކުރަން ނޭޓޯގެ މެންބަރުކަން ބޭނުންވާ ކަމަށް ބުނެ ނޭޓޯގެ މެންބަރުކަން ހޯދަން ހުށަހަޅާފައެވެ.