ސްޕެއިންގެ އަންހެނަކު ހޮހޮޅައެއް ތެރޭ 500 ދުވަސް ހޭދަކޮށްފިއެވެ.

ރިޕޯޓްތަކުން ބުނާ ގޮތުގައި އުމުރުން 50 އަހަރުގެ ބީޓްރިޒް ފްލަމިނި އެންމެ ފުރަތަމަ އެ ހޮހޮޅަ ތެރެއަށް ވެދެފައިވަނީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ.

މިއީ ދުނިޔޭގެ ރެކޯޑަކަށްވުން ގާތް ނަމަވެސް އަދި އެކަން ކަށަވަރުވެފައެއް ނުވެއެވެ.

ފުން މިނުގައި 70 މީޓަރު (230 ފޫޓު) ހުންނަ އެ ހޮހޮޅަ ތެރެއަށް އޭނާ ފޭބީ މީހުންނާއި ވަކިން އުޅުމަށް ކަމަށް ބުނެއެވެ.

ހޮހޮޅައިން ނުކުމެ ނޫސްވެރިންނަށް މައުލޫމާތު ދެމުން އޭނާ ބުނެފައިވަނީ އޭނާ ތަޖުރިބާ ކުރީ ވަރަށް ވެސް އުފާވެރި، އަދި ބަރާބަރު ދުވަސްތަކެއް ކަމަށެވެ. އޭގެ ފަހުން މާ ގިނަ ވާހަކަތަކެއް ނުދައްކާ އޭނާ ބުނެފައިވަނީ 16 މަސް ވަންދެން ފެން ނުވަރާ ހުރެވިއްޖެ ކަމަށާއި މިވަގުތު ބޭނުން ވަނީ ފެންވަރަން ކަމަށެވެ.

ދުނިޔޭގެ ރެކޯޑަކަށް މިކަން ވެދާނެ ކަމަށް ބައެއް މީހުން ބުނާއިރު، މިހާރު ހޮހޮޅައެއް ތެރޭ އެންމެ ގިނަ ދުވަސް ކޮށްގެން އެރެކޯޑް އޮތީ އިޓަލީގެ މައުރީޒިއޯ މޮންޓަލްބިނީ އަތުގައެވެ. އޭނާ ވަނީ 1987 ވަނަ އަހަރު 210 ދުވަހަށް ހޮހޮޅައެއް ތެރޭ އުޅެ، ރެކޯޑް ހޯދާފައެވެ. ނަމަވެސް ހޮހޮޅައެއް ތެރޭ 460 ދުވަސް ހޭދަ ކުރި މީހެއްގެ ވާހަކަ ވެސް މީސްމީޑިއާގައި ދެކެވެއެވެ.