ޖަޕާނުގެ ބޮޑު ވަޒީރު ފުމިއޯ ކިޝިޑާގެ ދޮށީ ދަރިފުޅު ޝޮޓާރޯ މަޤާމުން ވަކިކޮށްފިއެވެ.

ޝޮޓާރޯ ފުރަމުން ގެންދިޔައީ އޭނާގެ ބައްޕަ ކިޝިޑާގެ އެގްޒެކިއުޓިވް ޕޮލިސީ ސެކްރެޓަރީގެ މަޤާމެވެ. ބޮޑު ވަޒީރު ކިޝިޑާ މި ނިންމުން ނިންމާފައިވަނީ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގައި ޝޮޓާރޯ ޕާޓީކުރުމުގެ ސަބަބުން ޢާންމުންގެ ފާޑުކިޔުން އަމާޒުވަމުންދާ ދަނޑިވަޅެއްގައިއެވެ.

ޖަޕާނުގެ މެގަޒިންއަކުން ވަނީ ޝޮޓާރޯއާއި އޭނާގެ ގާތްތިމާގެ މީހުން ބޮޑު ވަޒީރުގެ ގެކޮޅުގައި ބޭއްވި ޕާޓީގައި ނަގާފައިވާ ފޮޓޯތަކެއް އާއްމު ކޮށްފައެވެ.

މިއީ ނިމިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ އެންމެ ފަހު ދުވަހު 2022 ވަނަ އަހަރު ނިމިގެން ދިއުމުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ޝޮޓާރޯ ބޭއްވި ޕާޓީގައި ނަގާފައިވާ ފޮޓޯތަކެކެވެ.

މި ޚަބަރާއިއެކު، ކުރިއަށް އޮތް އިންތިޚާބަށް ކެމްޕެއިން ކުރަމުންދާ ކިޝިޑާގެ ކެމްޕޭނަށް އަސަރުތަކެއް ކޮށްފާނެ ކަމަށް ޖަޕާނުގެ ބައެއް ރިޕޯޓްތައް ބުނެއެވެ. މި މައްސަލަ ފެންމަތިވުމުގެ ކުރިން އަދި ޖީ7 ސަމިޓަށްފަހު ކިޝިޑާއަށް އޮތް ތަރުހީބު އިތުރުވެފައިވާ ކަމުގައި ޖަޕާނުގެ ރިޕޯޓްތައް ބުނެއެވެ.

މިކަމާއި ބެހޭގޮތުން ހޯމަ ދުވަހު ވާހަކަދައްކަވަމުން ކިޝިޑާ ވިދާޅުވީ އޭނާގެ ދަރިފުޅު ފުރުއްވި މަޤާމްގައި ހުރެގެން އޭނާ ކޮށްފައިވަނީ އެކަށީގެންވާ އަމަލެއް ނޫން ކަމަށާއި އެކަމަށް ޒިންމާ ނެގުމުގެ ގޮތުން ޝޮޓާރޯގެ ބަދަލުގައި އެހެން މީހަކު މަޤާމަށް އައްޔަންކުރައްވަން ނިންމަވާފައިވާ ކަމަށެވެ.

ކިޝިޑާ އިތުރަށް ވިދާޅުވި ގޮތުގައި އޭނާއަށް ވަރަށް ގިނަ ދުވަސް ވަންދެން ޚިދުމަތްކުރެއްވި ބޭފުޅެއް ކަމުގައިވާ ޓަކަޔޯޝީ ޔަމާމޮޓޯ ހުސްވެގެންދިޔަ މަޤާމަށް ބުރާސްފަތި ދުވަހު އައްޔަންކުރަން ހަމަޖެހިފައިވާ ކަމަށެވެ.

މީގެ ކުރީގައި ބޮޑު ވަޒީރުގެ އޮފީހުގެ ގޮތުގައި ބޭނުންކުރެވުނު މި އިމާރާތުގައި މީގެ ފަހުން މިފަދަ އެއްވެސް އަމަލެއް ފެނިގެންނުދާނެ ކަމުގެ ޔަގީންކަން ޗީފް ކެބިނެޓް ސެކްރެޓަރީ ހިރޮކަޒޫ މަޓްސުނޯ ދެއްވާފައިވެއެވެ.