ފްރާންސް ފުލުހުން އެގައުމުގެ 17 އަހަރުގެ ކުއްޖެއްގެ ގަޔަށް ބަޑި ޖަހައި މަރާލި މައްސަލަ އާއި ގުޅިގެން އެގައުމުގެ އެކި ސަރަހައްދުތަކުގައި ފުލުހުންނާއި އަދި ސަރުކާރާއި ދެކޮޅަށް ކުރަމުން އަންނަ މުޒާހަރާތަކުގެ ތެރެއިން މިހާތަނަށް 400 މީހުން ހައްޔަރުކޮށްފި ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ހުކުރު ދުވަހު ހެނދުނު ފްރާންސްގެ އިންޓީރިއާ މިނިސްޓްރީން ބުނީ ފްރާންސްގެ އެކި ސަރަހައްދުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ހައްޔަރު ކުރި މީހުންގެ ޖުމްލަ އަދަދު މިހާރު 421 އަށް އަރާފައިވާ ކަމަށެވެ. އޭގެތެރެއިން އެންމެ ގިނަ މީހުން ހައްޔަރު ކޮށްފައި ވަނީ ވެރިރަށް ޕެރިސް ހިމެނޭ ރީޖަނުންނެވެ.

މުޒާހަރާ ކުރަމުންދާ މީހުން އަންނަނީ ފްރާންސްގެ އެކި ސަރަހައްދުތަކުގައި ހަމަނުޖެހުން ހިންގަމުންނެވެ. މުޒާހަރާގެ ބައިވެރިން އިއްޔެ ވަނީ ނަންޓެރް ނަމަކަށް ކިޔާ ސިޓީގެ ބޭންކެއްގައި އަލިފާން ރޯކޮށްލާފައެވެ. އެމައްސަލަ އާއި ގުޅިގެން އެސަރަހައްދުން 15 މީހަކު ހައްޔަރު ކުރި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ފްރާންސްގެ ބައެއް ސަރަހައްދުތަކުގެ ސަރަހައްދީ ސަރުކާރުން އަންނަނީ މުޒާހަރާތައް މަނާކޮށްގެން، އާއްމުން މައިތިރި ކުރަން ވެސް މަސައްކަތް ކުރަމުންނެވެ. ނަމަވެސް މުޒާހަރާ ކުރުން މަނާ ކަމަށް ބުނެ ސަރަހައްދީ ސަރުކާރުތަކުން އަންގާ އެންގުންތަކަށް ގިނަ މީހުން ތަބައެއް ނުވެއެވެ.

ފްރާންސްގެ ފުލުހުން ބުނާ ގޮތުގައި ސަލާމަތީ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް ހަމަނުޖެހުންތައް ހިންގިޔަ ނުދިނުމަށް އިތުރު ބައިލައްކަ ފުލުހުން ވަނީ ފްރާންސްގެ އެކި ސަރަހައްދުތަކަށް ނެރެފައެވެ. އޭގެތެރޭގައި ޕެރިހުގެ މަގުތަކަށް ނެރެފައިވާ އިތުރު 5000 ފުލުހުން ވެސް ހިމެނެއެވެ.

ފުލުހުން ފުރާވަރު އުމުރުގެ ކުއްޖަކު މަރާލި މައްސަލަ މިހައި ބޮޑަށް ހޫނުވެފައި ވަނީ އޭނާ ދުއްވި ކާރު ފުލުހުން ހުއްޓުވުމަށްފަހު ކާރު ކައިރިއަށް ގޮސް ކާރުގެ ދޮރު ހުޅުވައިގެން ތިބެ ކުއްޖާ އާއި ވަރަށް ކައިރިން ކުއްޖާގެ ގަޔަށް ބަޑި ޖަހައި މަރާލާފައި ވާތީއެވެ. އެމަންޒަރު ފެންނަ ވީޑިއޯއެއް އަންނަނީ ދައުރުވަމުންނެވެ.

ނަމަވެސް ފުލުހުން ދިފާއުގައި ބުނީ ފުލުހުން އެކުއްޖާގެ ގަޔަށް ބަޑި ޖެހީ ކާރު އަނެއްކާވެސް ސްޓާޓް ކޮށްލުމުންނެވެ. ފުލުސް މީހާ ލަފާކުރީ ކުއްޖާ ކާރު ދުއްވާފައި ގޮސް ފުލުހުން ގައިގަ ނުވަތަ އެހެން ބައެއް ގައިގަ ޖައްސާ މަރާލަން އުޅުނީ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ފްރާންސްގެ ސަރުކާރުން ވަނީ މިއަމަލު ހިންގި ފުލުހުންގެ މައްސަލަ ބަލާނެ ކަމަށް ބުނެފައެވެ. ނަމަވެސް އަދި ފުލުހުންގެ މައްޗަށް ދައުވާ އުފުލާފައެއް ނުވެއެވެ.