ޕާކިސްތާނުގެ ސިޓީއެއް ކަމަށްވާ ކަރާޗީގައި ފުލުހުންގެ ވެހިކަލެއްގައި ކައްކާ ތެޔޮ ވަގަށް ނަގާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

ފުލުހުންނާއި ހަވާލާދީ އެގައުމުގެ މީޑިއާތަކުން ބުނީ، އެފަދަ މައްސަލައެއް ރިޕޯޓް ކޮށްފައިވާ ކަމަށާއި އެކަމާއި ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ތިން މީހެއްގެ ގޭންގެއް ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އޮޕަރޭޝަނުގައި ތިން މީހަކު ހައްޔަރު ކުރި ނަމަވެސް، އެކަމުގައި ފަސް މީހަކު ޝާމިލުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެމައްސަލައާއި ގުޅިގެން ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނެނީ އެމީހުން އެތަކެތި ރައްކާ ކުރާ ގުދަނުގެ ވެރި ފަރާތް، މަސައްކަތު މީހެއްގެ އިތުރުން ފުލުހުންގެ މީހެކެވެ.

އަރީ ނޫހުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެމީޙުން އެކަން ކުރަމުން އަންނަނީ ފުލުހުންގެ ވެހިކަލެއްގައެވެ. ނަމަވެސް އިތުރު މައުލޫމާތެއް އާންމު ކޮށްފައެއް ނުވެއެވެ. ހަމައެކަނި ރިޕޯޓް ކޮށްފައިވަނީ އެކި ސަރަހައްދުތަކުން ކައްކާ ތެޔޮ ވަގަށް ނަގައި ގުދަނުގައި ރައްކާ ކުރާ ކަމެވެ.

ޕާކިސްތާނުގައި އެފަދަ ވައްކަމެއް ކޮށްފައިވާއިރު، ނިމިދިޔަ މަހުގެ ތެރޭގައި އެގައުމުގައި ވަނީ ވައްކަމުގެ އެތައް މައްސަލައެއް ރިޕޯޓް ކޮށްފައެވެ. އެމައްސަލަތަކުގައި އެކި ފަރާތްތަކުން ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ރިޕޯޓްތަކުން ބުނެއެވެ.