އިސްރާއީލް އަސްކަރިއްޔާގެ 300،000 ރިޒާވް ސިފައިން ހަނގުރާމައަށް ނެރުމަށް އިސްރާއީލުން ނިންމައިފިއެވެ.

ބެލެވޭ ގޮތުގައި، މިއީ އެއްގަމު މަގުން ޣައްޒާ އަށް އެރުމަށްޓަކައި ތައްޔާރު ކުރާ ސިފައިންނެވެ. ނަމަވެސް އެކަން އިސްރާއިލުގެ ސިފައިން ރަސްމީކޮށް ޔަގީންކޮށެއް ނުދެއެވެ.

ރިޒާވް ސިފައިން ނެރެން އިސްރާއީލުން ނިންމިއިރު މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އިސްރާއިލުން ދަނީ ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އަދި ފަލަސްތީނުގެ މުޖާހިދުން ހިފާފައިވާ ސަރަހައްދުތައް އަލުން ހިފުމަށް އިސްރާއިލުގެ ސިފައިން ދަނީ ހަމަލާތައް ދެމުންނެވެ.

އިސްރާއިލުގެ ސިފައިންގެ ތަރުޖަމާނު ޑެނިއަލް ހަގަރީ ވިދާޅުވީ ހަމާސްއިން ހިފި ބައެއް ސަރަަހައްދުތަކުގެ ކޮންޓްރޯލް މިހާރު އަލުން އަތުލާފައިވާ ކަމަށާއި ނަމަވެސް އަދިވެސް އެ ސަރަހައްދުގައި ދޭތެރެ ދޭތެރެއިން މަދު މަދުން ހަމަލާތައް ބަދަލުކުރަމުންދާ ކަމަށެވެ.

އޭނާ ވިދާޅުވީ މިހާރު އެ ސަރަހައްދުތައް ބަލައި ފާސްކުރުމުގެ ކަންކަން ވަރުގަދައަށް ކުރަމުންދާ ކަމަށާއި ބޭނުމަކީ ހަނގުރާމަވެރިން އެއްވެސް ވަރަކަށް އެ ސަރަހައްދުގައި ނެތްކަން ޔަގީން ކުރުން ކަމަށެވެ.

"އަޅުގަނޑުމެން މީގެ ކުރިން މިހާ ވަރަށް ރިޒާވް ސިފައިން ނުނެރެން. މި ފަހަރު މި ދަނީ ހަމަ ވަރުގަދައަށް ރައްދު ދޭން ތައްޔާރުވަމުން" ޑެނިއަލް ވިދާޅުވިއެވެ.

ހަގަރީ ވިދާޅުވީ ހަމާސްއިން ހަމަލާތައް ފެށި ފަހުން އިސްރާއިލުގެ 700 މީހުން މަރުވެފައިވާ ކަމަށާއި އަދި އޭގެ ތެރޭގައި 73 ސިފައިން ވެސް ހިމެނޭ ކަމަށެވެ.

ހަމަ އެހެންމެ އިސްރާއިލުގެ ސިފައިން އެތަކެއް ސަތޭކަ ފަލަސްތީނުގެ މުޖާހިދުން ވެސް މަރާލައިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.