ކުޑަކުދިންނަށް ދޭ ކެއްސާތި ބޭހެއް އުފައްދާ އިންޑޮނޭޝިޔާ ކުންފުންޏެއްގެ ވެރިޔަކާއި އިތުރު މީހުން ހައްޔަރުކޮށް ޖަލަށްލާން ހުކުމް ކޮށްފިއެވެ.

ކޯފް ސިރަޕުގައި ބޭނުން ކުރާ ދެ މާއްދާއެއް ހުންނަން ވާ މިންގަނޑަށް ވުރެ މަތިވެފައި ހުރި ބެޗެއްގެ ބޭސް ދީގެން 200 ކުއްޖަކު ވަނީ މަރުވެފައެވެ.

ރިޕޯޓްތައް ބުނާގޮތުން މި މައްސަލައިގައި 2 އަހަރަށް ޖަލަށްލާން ހުކުމް ކުރީ ''އަފީ ފާމާ' ކުންފުނީގެ ވެރިޔާ އާއި މި މައްސަލައިގައި ހިމެނޭ އިތުރު 3 މީހެކެވެ. ޖަލު ހުކުމުގެ އިތުރުން ވެސް ކޮންމެ މީހަކު 1 ބިލިއަން އިންޑޮނީޝިއާ ރުޕިއާ (63،029 އެމެރިކާ ޑޮލަރު) އިން ވަނީ ޖޫރިމަނާ ކޮށްފައެވެ.

ކުޑަކުދިން ކެއްސާތީ ދޭ ބޭހުގައި ހިމެނޭ ޕްރޮޕަލީން ގްލައިކޯލް އާއި އެތަލީން ގްލައިކޯލް ހުރީ ހުންނަން ވާ މިންގަނޑަށް ވުރެ މާ މަތިކޮށް ހުރި ބޭސްތަކެއް ވިއްކަން ފަށާފައިވަނީ ކޮން ދުވަހަކު ކަމެއް އެނގިފައެއް ނުވެއެވެ.

އެ ބެޗުގެ ބޭސް ބޭނުން ކުރާ ގިނަ ކުދިންގެ ކިޑްނީ ފެއިލް ވުމާއި ސިއްހީ އެހެނިހެން ބައެއް މައްސަލަތައް ދިމާވެ ފުރާނައަށް ނުރައްކާވެއެވެ.

ޕްރޮޕަލީން ގްލައިކޯލް އާއި އެތަލީން ގްލައިކޯލް އަކީ އެ މާއްދާތައް ހުންނަން ވާ މިންވަރަށް ވުރެ މަތިވެއްޖެނަމަ، އެ ބޭނުން ކުރާ މީހުން ވިހަ ކޮށްލާ 2 މާއްދާއެވެ. އެތަލީންއަކީ އޭގެ ޒާތުގައި ވިހަ މާއްދާއެއް ނޫނެވެ. އެހެންނަމަވެސް ހުންނަންވާ މިންވަރަށްވުރެ އިތުރުވެއްޖެނަމަ ވިހަވާނެއެވެ. ބޭހުގެ އިތުރުން ކޮސްމެޓިކްސް، އާއި ކާބޯތަކެތި އުފައްދާ އިރު މި މާއްދާ ބޭނުންކުރެއެވެ.

އެއާޚިލާފަށް ލައިކޯލް އަކީ ވިހަ މާއްދާއެކެެވެ. އެ މާއްދާ ދަވާދާއި، ގަލަމާއި ވެހިކަލް ބްރޭކް ފްލުއިޑް އުފައްދާ އިރު ބޭނުން ކުރެއެވެ.

މައްސަލަ ޖެހުނު ކޯފް ސިރަޕް ބެޗްގައި ގްލައިކޯލްގެ ތާސީރު 99 ޕަސެންޓަށް ހުރި ކަމަށް ތަހުލީލުތަކުން ވަނީ ދައްކާފައެވެ.

މި ބޭސް ބޭނުންކުރި ކުޑަކުދިން މަރުވި ދުވަސްވަރު އިންޑިއާ އަދި އެފްރިކާގައި ވެސް ކޮފްސިރަޕެއް ބޮއެގެން ގިނަ އަދަދެއްގެ ކުޑަކުދިން މަރުވި މައްސަލަތަކެއް ފެންމަތިވިއެވެ. އެހެންކަމުން ޑަބްލިއު އެޗް އޯއިން ވަނީ އެކަމުގައި ހަރުކަށި ފިޔަވަޅުތައް އަޅާ ތަހުގީގުތައް ހިންގަން އަންގާފައެވެ.

އިންޑިއާގައި ދިމާވި މައްސަލައިގައި ތަހުގީގު ކުރުމަށް ފަހު އެގައުމުގެ އިދާރާތަކުން ވަކާލާތު ކުރީ އިންޑިއާގެ ބޭހުގައި މައްސަލައެއް ނެތް ކަމަށެވެ. ނަމަވެސް އިންޑިއާއިން އެފްރިކާގެ ގެމްބިއާއަށް އެތެރެ ކުރި ބޭސް ބޮއެގެން ގިނަ އަދަދެއްގެ ކުދިން މަރުވިއެވެ. ހަމައެހެންމެ އުޒުބަކިސްތާނުން ވެސް މި މައްސަލަ ފެންމަތިވި އިރު އެ ދެގައުމުން މަރުވި ކުދިންގެ އަދަދު 100 އަށް އެރިއެވެ.

އިންޑީޔާއިން އުފައްދާފައިވާ ދެ ބޭހެއް ކަމަށްވާ ގުއަފެނެސިންގައި މައްސަލައެއް އުޅޭތީ ޑަބްލިޔުއެޗްއޯއިން އެލާޓް ނެރުމުން ބޭސް ސިޓީއަށް އެ ބޭސް އެތެރެ ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ވެސް މީގެ ކުރިން ވަނީ އަންގާފައެވެ.