ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ދެ ކުއްޖަކު ޝަހީދުކޮށްލައިފިއެވެ.

ފަލަސްތީނުގެ ރެޑް ކްރެސެންޓާއި ހަވާލާދީ ވަފާ ނޫހުން ބުނީ، ނިރުބަވެރިން ކުރަމުން އަންނަ ރޭޑުތަކުގެ ތެރެއިން ހުޅަނގު އައްސޭރިއަށް ޖެހި ރޭޑެއްގައި ދެ ކުދިން ޝަހީދުކޮށް، ތިން މީހަކަށް އެކިވަރުގެ އަނިޔާ ކޮށްފައިވާ ކަމަށެވެ. އެޒުވާނުން ޝަހީދު ކޮށްލާފައިވަނީ ޓުބާސްގެ ދެކުނުން އޮންނަ ތަމޫންގައި ހުންނަ އަލް-ފަރާސް ރެފިއުޖީ ކޭމްޕަށް ޖެހި ރޭޑުގެ ތެރެއިންނެވެ.

ވަފާ ނޫހުން ރިޕޯޓް ކުރި ގޮތުގައި ޝަހީދު ކޮށްލާފައިވަނީ އުމުރުން 18 އަހަރުގެ މޯޒް އިބްރާހިމް ޒަހްރާން އާއި 16 އަހަރުގެ އަބްދުލް ރަހްމާން އިމާދް ބަނީ ނަމަކަށް ކިޔާ ކުދިން ކަމަށެވެ.

ނިރުބަވެރިން ހުޅަނގު އައްސޭރީގައި ދެ ކުއްޖަކު ޝަހީދުކޮށްލާފައިވާއިރު، މީސްމީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެނިގެން ދަނީ އަލް-ފަރާސްގެ ބައެއް މަގުތަކަށް ނިރުބަވެރި އިސްރާއީލުގެ، އަސްކަރީ ވެހިކަލްތައް ވަދެގެންދާ މަންޒަރެވެ. އަދި ވީޑިއޯއިން ބައެއް ސަރަހައްދުތަކުން ބާރު ގޮވުންތައް ގޮވާ އަޑުވެސް އިވިގެންދެއެވެ.

ނިރުބަވެރިން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް ޣައްޒާއިން 16،000 އަށްވުރެ ގިނަ މީހަކު ޝަހީދުވެ، 35،000 އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާވެފައިވާ ކަމަށް ޣައްޒާގެ ހެލްތް މިނިސްޓްރީން ވަނީ އާންމުކޮށްފައެވެ.