ތުރުކީވިލާތުގެ ރައީސް ރަަޖަބު ތޮއްޔިބު އުރުދުގާން މީގެ ތިން މަސް ކުރިން ސުވިޑެން ނޭޓޯ އަށް ވަނުމަށް ރުހުން ދިނުމާއި ގުޅޭގޮތުން ތުރުކީވިލާތުގެ ގާނޫނު ހަދާ މަޖިލީހަށް ހުށައަޅާފައިވާ ހުށައެޅުމަށް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން ރުހުން ދީފިއެވެ

ސްވިޑެން އާއި ތުރުކީވިލާތުގެ ހާރިޖީ ގުޅުންތައް ގޯސްވެފައި އޮތުމުން ސުވިޑެން ނޭޓޯ އަށް ވަންނަން ހުށައެޅި ހުށައެޅުމަށް ތުރުކީން ވަނީ ކުރިން ދެކޮޅު ހަދާފައެވެ. ނޭޓޯގެ އާންމު ގަވާއިދު ބުނާ ގޮތުން އަލަށް އެ އިއްތިހާދުގެ މެންބަރު ކަމަށް ގައުމަކުން އެދެފިނަމަ ނޭޓޯގެ މެންބަރުކަން އެ ގައުމަކަށް ލިބޭނީ، ނޭޓޯގެ ތިބި މެންބަރު ހުރިހާ ގައުމެއްގެ ރުހުން ލިބިގެންނެވެ.

ސްވިޑެން އާއި ތުރުކީ ވިލާތުގެ ގުޅުން ހީނަރުވެފައި ވަނީ މިނިވަން ކަމުގެ ނަމުގައި ބުއްދި ގަބޫލު ނުކުރާ ބައެއް ކަންކަން ކުރަން ސުވިޑެންގެ ސަރުކާރުން ހުއްދަ ދިނުމުންނެވެ. އެ ގޮތުން ސުވިޑެންގެ ސަރުކާރުން ވަނީ ކީރިތި ގުރުއާން އެންދުމަށް ހުއްދަ ދީފައެވެ.

ސްވިޑެން ނޭޓޯ އަށް ވަނުމަށް ރުހުން ދިނުމާއި ގުޅޭ ގޮތުން ތުރުކީގެ ގާނޫނު ހަދާ މަޖިލީހުގައި 4 ގަޑި އިރުގެ ދިގު ބަހުސެއް ވަނީ ކޮށްފައެވެ. މި ބަހުސަށް ފަހު ސްވިޑެން ނޭޓޯ އަށް ވަނުމަށް ރުހުން ދިނުމާއި އެއް ކޮޅަށް ގާނޫނު ހަދާ މަޖިލީހުގެ 346 މެންބަރުންގެ ތެރެއިން 287 މެންބަރުން ވޯޓު ދީފައި ވެއެވެ. އަދި ސްވިޑެން ނޭޓޯގެ މެންބަރަކަށް ވުމަށް ރުހުން ނުދޭން 35 މެންބަރުން ވަނީ ވޯޓު ދީފައެވެ. ބާކީ ތިބި 24 މެންބަރުން މި ވޯޓުގައި ބައިވެރި ވެފައެއް ނުވެއެވެ.

ތުރުކީ ވިލާތުގެ ގާނޫނު ހަދާ މަޖިލީހުން ސްވިޑެން ނޭޓޯ އަށް ވަނުމަށް ރުހުން ދިން ކަން އެނގުމާއި އެކުގައި ސްވިޑެންގެ ބޮޑު ވަޒީރު އުލްފް ކުރިސްޓާޝަން ވަނީ މިއީ ސްވިޑެން ނޭޓޯ އަށް ވަނުމާއި އިތުރަށް ކައިރިވުން ކަމަށް ވިދާޅުވެ އެ ކަމަށް ޓަކައި ތުރުކީގެ ގާނޫނު ހަދާ މަޖިލީހަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކޮށްފައެވެ