"މިސް ޔޫއެސްއޭ" އާއި 1995 ވަނަ އަހަރުގެ "މިސް ޔުނިވާސް" ގެ ޝަރަފު ހޯދި އެމެރިކަން އެކްޓްރެސް ޗެލްސީ ސްމިތު ކެންސަރުގެ ޖެހުމުގެ ސަބަބުން މަރުވެއްޖެއެވެ.
ޚަބަރުތައް ބުނާ ގޮތުގައި ޗެލްސީ މަރުވެފައިވަނީ ލިވާ ކެންސަރު ޖެހިގެން މި މަހުގެ އަށްވަނަ ދުވަހުގައެވެ.
ޗެލްސީގެ ބައްޔާއި ގުޅޭ އިތުރު މައުލޫމާތެއް އެނގިފައެއް ނުވެއެވެ.
ބޮލީވުޑް އެކްޓްރެސް ސުޝްމިތާ ސެންއަށް ފަހު، "މިސް ޔުނިވާސް" ގެ ލަގަބު ހޯދި ޗެލްސީއާއިއެކު އެ ޝަރަފު ހަވާލުކުރެވުނު ޖަލްސާގައި ނަގާފައިވާ އެދެމީހުންގެ ފޮޓޯއަކާއިއެކު ސުޝްމިތާ ވަނީ ޓުވިޓާ މެދުވެރިކޮށް ހިތާމަ ފާޅުކޮށްފައެވެ.
I loved her smile & that generous spirit!!! Rest in peace my beautiful friend @Chelsi_Smith #MissUniverse1995 Dugga Dugga 🙏 pic.twitter.com/rm63b98Q72
— sushmita sen (@thesushmitasen) September 9, 2018
ސުޝްމިތާގެ އިތުރުންވެސް، 1995 ވަނަ އަހަރު "މިސް ޔުނިވާސް"ގެ ރަނަރަޕް ޝަންނާ މޯކްލާވެސް ވަނީ އޭނާގެ ގާތް ރަހުމަތްތެރިޔާ ގެއްލި ދިޔުމުގެ ހިތާމައިގައި ބައިވެރިވެ ޗެލްސީއަށް ތައުރީފުކޮށްފައި ވެސް ޓުވިޓާގައި ޕޯސްޓެއް ކޮށްފައެވެ.
ހޮލީވުޑްގެ ގިނަ ތަރިންތަކެއް ޗެލްސީގެ މަރާއި ގުޅިގެން އެ ފަންނާނުންގެ މީސްމީޑިއާ އެކައުންޓްތަކުގައި ހިތާމަ ފާޅު ކޮށްފައިވެއެވެ.
އުމުރުން 45 އަހަރުގެ މި ހުނަރުވެރި ތަރި އަދި އެކްޓްކުރުމުގެ އިތުރުން ލަވަކިޔުމާއި ޓީވީ ޝޯތަކުގެ ހޯސްޓެއްގެ ގޮތުގައި ފެނިގެންދިޔަ ޗެލްސީގެ މަރާއި ގުޅިގެން އާންމުންގެ ގިނަ ބަޔަކުވެސް އަންނަނީ ހިތާމަ ފާޅުކުރަމުންނެވެ.