ހޮލީވުޑްގެ މަޝްހޫރު ހާޓްތްރޮބާއި ފްރެންޑްސް ޝޯވއިން މަޝްހޫރުވި މި ދެތަރިން ދެ މީހުންގެ ކައިވެނި ރޫޅިގެން ދިޔައީ ބްރެޑްގެ "މިސްޓަރ އެންޑް މިސިސް ސްމިތް" ފިލްމަށް ފަހުއެވެ.
ފިލްމްގެ ޝޫޓިންގގެ ތެރޭގައި 2005 ވަނަ އަހަރު ޖެނިފަރ އާއި ބްރެޑްގެ ކައިވެނީގައި މައްސަލަތަކެއް އުޅޭ ވާހަކަ ފެތުރެން ފެށިއެވެ. އަދި އެއީ އެންޖެލީނާގެ ސަބަބުން ކަމަށް ރިޕޯޓްތައް ފެތުރުނެވެ. ޖެނިފަރ އާއި ބްރެޑް 2005 ވަނަ އަހަރުގެ ޖެނުއަރީ މަހު ވަކިވާން ނިންމިއެވެ.
އެހާ ހިސާބުން "ޓީމް އެނިސްޓަން" އާއި "ޓީމް ޖޯލީ" އެފެދުނެވެ. އަދި ދެ ތަރިންގެ ފޭނުން "އުމުރަށް" ޓީމެއް ނަގައި، ވޭތުވެދިޔަ އަހަރުތައް ހޭދަކުރީ އެއް ބަޔަކު އަނެއް ބަޔަކަށް ނަފްރަތުކުރުމުގައެވެ. ހޮލީވުޑްގެ އެވޯޑް ޝޯވތަކުން ޖެނިފަރ އާއި އެންޖެލީނާ ބައްދަލުވޭތޯ އަދި ކަންތައް ކުރަނީ ކިހިނެއްތޯ އެތައް ބަޔަކު ބަލަމުން ދިޔައެވެ.
ދިހަ އަހަރަށް ވުރެ ގިނަ ދުވަސް އެކުގައި އުޅުމަށް ފަހު އެންޖެލީނާ އާއި ބްރެޑް ވަކިވެފައި ވަނީ 2016 ވަނަ އަހަރެވެ. ޖެނިފަރ ވެސް އެހެން މީހުންނާ ރަށްޓެހިވެފައިވާއިރު، އޭނާ އާއި ފިރިމީހާ ޖަސްޓިން ތަރޯ ވަރިވެފައި ވަނީ މިއަހަރުގެ ފެބްރުއަރީ މަހެވެ.
ދާދިފަހުން ޖެނިފަރ އާއި ބްރެޑް އަނެއްކާ ވެސް "ވާހަކަ ދައްކަން" ފެށި ވާހަކަ މީޑިއާގައި ފެތުރުނެވެ. މި ވާހަކަ މިކަަމާ ގުޅުން ހުރި އެއްވެސް ފަރާތެއް ކަށަވަރުކޮށްދީފައި ނުވާއިރު، އެޚަބަރު ވެގެން ދިޔައީ ޖެނިފަރގެ ފޭނުންނަށް ސިހުމަކަށެވެ.
"ހޮލީވުޑް ލައިފް" އިން ރިޕޯޓްކުރާ ގޮތުގައި މިއީ ބްރެޑްގެ ބެސްޓް ފްރެންޑް، މަޝްހޫރު އެކްޓަރ ޖޯޖް ކްލޫނީގެ ޕްލޭނެކެވެ. އަދި ދެ މީހުން ބައްދަލުވާން ރޭވީ ވެސް އޭނާ ކަމަށް ހޮލީވުޑް ލައިފް އިން ރިޕޯޓްކޮށްފައިވެއެވެ.
އެ ބައްދަލުވުމުގައި ދެ މީހުން ކުރީގެ ހަނދާންތައް އާކުރިއެވެ. އަދި ދެ މީހުންގެ ގުޅުން އަދިވެސް ރަނގަޅުކަން ދެމީހުންނަށް އެނގިގެން ދިޔަ ކަމަށް ވެއެވެ. ޖެނިފަރ އާއި ބްރެޑް އަލުން ވާހަކަދައްކަން ފެށުމުން އެންމެ އުފާވީ ބްރެޑްގެ މަންމަ ކަމަށް ހޮލީވުޑް ލައިފް އިން ރިޕޯޓްކޮށްފައި ވެއެވެ.
ހުރިހާ ދެރައެއް އެންޖެލީނާ ޖޮލީއަށް.