މަޝްހޫރު މީސްމީޑިއާ މަންސް، ސްނެޕްޗެޓް ބޭނުންކުރާ އާންމު ފަރާތްތަކުގެ ސިއްރުތައް ބައެއް ފަރާތްތަކުން ނަހަމަގޮތުގައި ބަލައި ބޭނުންކޮށްފައިވާކަން ހާމަވެއްޖެއެވެ.

މީގެ ކުރިން ސްނެޕްޗެޓް ކުންފުނީގައި މަސައްކަތް ކޮށްފައިވާ މުވައްޒަފުންތަކަކާއި ހަވާލާދީ ރިޕޯޓްތައް ބުނީ، ސްނެޕްޗެޓް އިން މީހުން ފޮނުވާފައިވާ ޕްރައިވެޓް މެސެޖާއި ފޮޓޮ އަދި ވީޑިއޯތަކުގެ އިތުރުން އެފަރާތްތަކުގެ އީމެއިލާއި ލޮކޭޝަން އަދި އެނޫންވެސް ސިއްރު މަޢުލޫމާތުތައް ނަހަމަގޮތުގައި ސްނެޕްގެ ވަކި ޚާއްސަ ބާރުތަކެއް ލިބިދީފައިވާ ޑިޕާޓްމަންޓުތަކުގެ މުވައްޒަފުން ވަނީ ބަލާފައެވެ.

ރައްކާ ކުރެވިފައި ހުންނަ ސްނެޕް ޔޫޒަރުންގެ މައުލޫމާތުތަކަކީ، ބައެއް ހާލަތްތަކުގައި ސަލާމަތީ ސަބަބުތަކާއި ބޮޑެތި ތަހުޤީޤުތަކާއި އެނޫންވެސް ރަސްމީ އިދާރާތަކުގެ ބޭނުމަށް، ހުއްދަ ލިބިފައިވާ މުވައްޒަފުން ބޭނުންކުރާ ވަކި ޚާއްސަ ޓޫލެއްގެ މެދުވެރިކޮށް ހޯދައި ދޫކުރެވިދާނެ ތަކެއްޗަށް ވާއިރު، ނަހަމަ ގޮތުގައި އެ މައުލޫމާތުތައް ބަލައި ހޯދުމަކީ މުޅި ކުންފުނީގެ މުވައްޒަފުންނަށްވެސް މަނާކަމެކެވެ. ނަމަވެސް ސްނެޕްޗެޓްގެ މުވައްޒަފުންތަކެއް އެފަދަ އެއްވެސް ސަބަބެއް ނެތި ސިއްރު މައުލޫމާތުތައް ބަލާފައިވާ ކަމަށް ހެކިދޭ ބައެއް ލިޔެކިޔުންތައްވެސް ލީކު ވެފައިވެއެވެ.

ސްނެޕްޗެޓް އަކީ މެސެޖުގެ އެންމެ ރައްކާތެރި އެއް ޒަރިއްޔާކަމަށް ގިނަ ބަޔަކު ޤަބޫލުކުރާއިރު، ސްނެޕް މެދުވެރިކޮށް އަނެކާއަށް ފޮނުވާ މެސެޖުތަކާއި ފޮޓޯ އަދި ވީޑިއޯ އެއްފަހަރު ބަލައިލުމުން، ފޯނަށް ސޭވްނުކުރާ ނަމަ ގެއްލި ދެއެވެ. ވަކި ޚާއްސަ އެޕްލިކޭޝަނެއް ނުވަތަ ޕެޗެއްގެ ބޭނުން ނުހިފާނަމަ މިގޮތުން ފޮނުވާ މެސެޖު، މެސެޖު ރައްދުވި ފަރާތުގެ ފޯނަށް ސޭވްކުރާ ނަމަ، މެސެޖު ފޮނުވި ފަރާތަށް އެކަން އެނގެއެވެ. މި ސަބަބަށްޓަކައި ގިނަ ބަޔަކު ސިއްރު މައުލޫމާތުތައް ސްނެޕް މެދުވެރިކޮށް އެކަކު އަނެކަކާއި ޙިއްސާ ކުރެއެވެ.

ސްނެޕް ބޭނުންކުރާ ފަރާތްތަކުގެ ސިއްރުތައް ބަލައި ބޭނުންކޮށްފައިވާކަމަށް ހެކިދޭ ވާހަކަތަކެއް މިހާރު ތިލަވެފައި ވާއިރު، މިމައްސަލަ ވަނީ އެޕްލިކޭޝަން ބޭނުންކުރާ ފަރާތްތަކުގެ މެދުގައި ހޫނުވެފައެވެ. އަދި މިކަމާއި ގުޅިގެން އެފަރާތްތަކުން ކަންބޮޑުވުން ފާޚުކުރަމުންދާއިރު، މިހާތަނަށް ކުންފުނިން ބަހެއް ނުބުނެއެވެ.