މޮރޮކޯގެ ސަހަރާތަކުގައި ދިރިއުޅޭ ފައިދިގު މަކުނަކާ އެއްގޮތްކޮށް ސައިންސުވެރިންތަކެއް ރޮބޮޓެއް އުފައްދައިފިއެވެ.

"ފެސްޓޯ" ނަމަކަށް ކިޔާ ޖަރުމަނުވިލާތަށް ނިސްބަތްވާ ކުންފުންނަކުން ތައްޔާރު ކުރި މި ރޮބޮޓަކީ އަށް ފައި ހުންނަ، ހިނގޭ އަދި ބޯޅައަކަށް ބަދަލުވެ އެނބުރެވޭ ރޮބޮޓެކެވެ. އޭތި ބޯޅައަކަށް ބަދަލުވަނީ އަށް ފައި ކުރު ކުރުމަށްފަހުއެވެ. މިއީ މޮރޮކޯގެ ސަހަރާތަކުގައި ދިރިއުޅޭ "ފިލިކް ފްލެކް" ފައިދިގުމަކުނާއި އެއްގޮތް ކުރަން ހެދި ގޮތެކެވެ.

ބައޮނިކްވީލްބޮޓް ނަމަކަށް ކިޔާ މި ރޮބޮޓަކީ ބާރު ސްޕީޑުގައި ހިނގުމުގެ ކުޅަދާނަކަން ލިބިފައިވާ ރޮބޮޓެކެވެ. އަދި އެ ރޮބޮޓު ބޯޅައަކަށް ބަދަލުވެގެންވެސް ބާރު ދުވެލީގައި ދަތުރު ކުރެވެއެވެ. އެ ރޮބޮޓު އުފެއްދި ފަރާތްތަކުން ބުނަނީ އޭތި ބޯޅައެއް ހެން އޮންނަ އިރު ދަތުރު ކުރާ ދުވެލި، ހިނގާ އިރު ދަތުރު ކުރާ ދުވެއްޔަށް ވުރެ ދެގުނަ އިތުރު ކަމަށެވެ.

"ފެސްޓޯ" އިން ބުނާ ގޮތުގައި މި ރޮބޮޓަށް ގިނަ އަދަދެއްގެ ގާތައް ހުންނަ ސަރަހައްދުތަކުންނާއި އުސް ބިންތަކުގައި ވެސް ހަރަކާތްތެރިވެވޭނެއެވެ.

ޖަނަވާރުތަކާއި އެގޮތްކޮށްގެން މީގެ ކުރިންވެސް އެކުންފުނިން ވަނީ ރޮބޮޓުތަކެއް ހަދާފައެވެ. އެގޮތުން ކެންގަރޫ، ޖެލީފިޝް، ދޮންދޫނި، ކޮކާ އަދި ޕެންގުއިން ފަދަ ދިރޭތަކެއްޗާއި އެއްގޮތްކޮށްގެން އެކުންފުނިން ވަނީ ރޮބޮޓު އުފައްދާފައެވެ.

ނަމަވެސް މި ރޮބޮޓު ބޭނުން ކުރަން ހަމަޖެހިފައި ވަނީ ކޮން ކަމަކަށް ކަމެއް އަދި އެ ކުންފުނިން ހާމަ ކޮށްފައި ނުވެއެވެ.