އިސްރާއިލްގެ ހައްދުފަހަނައަޅާފައިވާ ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫގެ އަންހެނުން، ސާރާ ނަތަންޔާހޫގެ ފަރާތުން އަނިޔާ ލިބި ގަނާގެ ޝިކާރައަކަށްވީ އޭނާގެ ކުރީގެ ނޯކަރަކު ބަދަލު ހޯދުމަށް އެދި ދައުވާކޮށްފިއެވެ.

ނަން ހާމަކުރަން ބޭނުން ނުވާ އެ އަންހެން މީހާ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި އޭނާ ވަނީ ސާރާ ނަތަންޔާހޫގެ ނޯކަރެއްގެ ގޮތުގައި ފަސް އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކޮށްފައެވެ. މިގޮތުން ސާރާގެ ގޭގައި އޭނާ މަސައްކަތްކުރި ދުވަސްތަކުގައި ވަރަށް ގިނަ ފަހަރަށް އޭނާގެ ފަރާތުން އަނިޔާ ލިބިފައިވާ ކަމަށް ބުނެފައި ވެއެވެ. އަދި ސަރާ އޭނާ އާއި ހަޑި ހުތުރުބަހުން ދައްކާފައިވާ ވާހަކަތައް ލިޔެފައިވާ ޑައިރީއެއްވެސް އެ އަންހެން މީހާ ވަނީ ތައްޔާރުކޮށްފައެވެ.

އޭނާ ވަނީ އޭނާއަށް ސާރާގެ ފަރާތުން ލިބުނު އަނިޔާ އާއި ގެއްލުމުގެ ބަދަލެއްގެ ގޮތުގައި އެއްލައްކަ އެމެރިކާ ޑޮލަރު ހޯދުމަށް ހުށަހަޅާފައެވެ. އޭނާ ބުނެފައިވާ ގޮތުގައި ސާރާގެ ފަރާތުން ކުރިމަތިވި ގިނަ ކަންކަމަށް އެއީވެސް މަދު އަދަދެކެވެ.

ސާރާ އާއި ދެކޮޅަށް، ކުރިން އޭނާގެ ނޯކަރަކަށް އުޅުނު އަންހެނަކު ދައުވާ ކުރުމާއި ގުޅިގެން ރަސްމީ ފަރާތަކުން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ. އަދި އެ ދައުވާ އާއި ގުޅިގެން ސާރާ ވެސް އެއްޗެއް ނުބުނެއެވެ.

އިސްރާއިލްގެ ފަސްޓް ލޭޑީ، ސާރާ އާއި ބެހޭ ގޮތުން ދެކެވެމުންދާ މި ވާހަކަތަކާއި ގުޅިގެން އޭނާއަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވަމުން ދާއިރު، ނޯކަރުންނަށް ބަދު ބަސްތައް ރައްދުކޮށް އެމީހުންނަށް ސާރާ އަނިޔާކުރާ ކަމުގެ އަޑުތަކެއް ކުރިންވެސް ފެތުރިފައި ވެއެވެ. ނަމަވެސް އެ ވާހަކަތައް ކުރިން ސާރާ ވަނީ ދޮގުކޮށްފައެވެ.

ސާރާގެ އަނިޔާގެ ޝިކާރައަކަށްވީ ނޯކަރަކު 2016 ވަނަ އަހަރު ކޯޓަށް ހުށަހެޅި މައްސަލަ އަކާއި ގުޅިގެން ބަދަލުގެ ގޮތުގައެ އޭނާއަށް 42000 އެމެރިކާ ޑޮލަރު ވެސް ދީފައި ވެއެވެ.