ރީތި ސާފު ދަތްޕިލައެއް ބޭނުން ނުވާނީ ކާކުހެއްޔެވެ؟ އެއީ މީހާގެ ރީތިކަމުގެ ބޮޑު ބައެއް ހިއްސާކުރާ ކަމެކެވެ. ދަތްތައް ހުދުކޮށް ސާފުކޮށް ބެހެއްޓުމަކީ ސާފުތާހިރުކަމަށް ސަމާލުކަން ބަހައްޓާ ކޮންމެ މީހަކުވެސް ވަރަށް އިސްކަން ދޭނޭ ކަމެއް ކަން ޔަޤީނެވެ. ދަތް ހުދުކުރުމަށް ޑެންޓިސްޓަށް ގޮސްގެން އެތައް ހާސް ފައިސާއެއް ހޭދަކުރުމުގެ ބަދަލުގައި ގޭގައި ދެވޭ ފަރުވާ އާއި ކުރެވޭ ކަންކަމަށް ސަމާލުކަން ދޭ މީހުންވެސް މިހާރު މަދެއް ނޫނެވެ.

އެގޮތުން ދަތް ހުދުކުރުމަށް އަލަނާސި ފަދަ މޭވާ އާއި ތަރުކާރީތައް ބޭނުން ކުރެއެވެ. ހަައެހެންމެ ގިނައިން ހަފަންޖެހޭ މޭވާއާއި ތަރުކާރީ ކެއުމަކީ ވެސް ދަތް ހުދުކުރުމަށް މީހުން ކޮށްއުޅޭ ކަމެކެވެ. މީގެ އިތުރުން ތެލުން ދަތްތައް ދޮވުން ފަދަ އެތައް ކަމެއް ދަތްތައް ރީތިކޮށް އުޅެއެވެ.

މިގޮތަށް ދަތް ރީތިކުރުމަށް ވަރަށް ގިނަ ޒާތުގެ ކެމިކަލްތައް ބޭނުން ކުރެއެވެ. ބޭކިން ސޮޑާ އާއި ލުނބޯ އެއްކޮށްގެން ބޭނުން ކުރެއެވެ. މި ކަމަކީ މިއީ ނޭނގި ނަމަވެސް ދަތުގެ ގުދުރަތީ ރީތިކަން ގެއްލޭ ކަމެކެވެ. ޚާއްސަކޮށް ގިނަ އަދަަތަކަށް ކެމިކަލްތައް ބޭނުން ކުރުމަކީ ދަތްތައް ވަގުތީ ގޮތުން ރީތިވި ކަމުގައި ވީނަމަވެސް ދަތްތައް ވަރަށް ބޮޑަށް ބަލިކަށިކޮށްލާ ކަމެކެވެ. ހަމައެހެންމެ ދަތްތަކުގެ އޮފްކަން ކެނޑުމުން ދަތްތަކުގެ އަސްލު ރީތިކަން ގެއްލެއެވެ. އަދި ދަތަށް ދިގު މުއްދަތުގައި ދަތަށް އިއާދަ ނުކުރެވޭ ވަރސް ގެއްލުންވެއެވެ. ދަތް ހުދުކުރަން އެންމެ ރަނގަޅީ އާދަވެގެން ރަނގަޅު ބޭހަކުން ދަތް އުނގުޅުމެވެ. އޭރުން ދަތުގެ ދުޅަހެޔޮކަން ނުގެއްލި އަނގައި ނުބައި ވަސް ނުދުވާ ގޮތަށް ދަތުގެ ރީތިކަން ދެމި ހުންނާނެއެވެ.