ފިލުމު ''ރޮކް ސްޓާ'' ގެ އެކްޓަރު ރަންބީރު ކަޕޫރަކީ މީސް މީޑިއާ އާއި ޕަޕަރާޒީންނާ ދުރުދުރުން އުޅޭ ފަންނާނެއް ނަމަވެސް ރަންބީރުގެ ސަޕޯޓަރުން އޭނާގެ ކަންތައްތައް ބަލައި ހޯދައި މީސް މީޑިއާގައި އާއްމު ކުރެއެވެ.

ރަންބީރުގެ ސަޕޯޓަރުންގެ ޕޭޖުތަކަކީ އޭނާގެ އެކި ހަފްލާތަކާއި ބައިވެރިވުންތަކުގެ ފޮޓޯތަކާއި ވީޑިއޯތައް ހޯދައި މީސް މީޑިއާގައި ހަރަކާތްތެރި ކަމާއެކު ހިއްސާ ކުރަމުންދާ ޕޭޖުތަކެކެވެ.

ރަންބީރު ކަޕޫރު ޔުނިވާސްގެ ނަމުގައި ހަދާފައިވާ ޕޭޖަކުން އެންމެ ފަހުން ކުރި ޕޯސްޓަކީ ރަންބީރު ކަޕޫރު ކުޑައިރުގެ ތަފާތު ފޮޓޯއެކެވެ.

މި ފޮޓޯގައި ރަންބީރު ކަޕޫރާއެކު އިތުރު ދެ ފިރިހެނުން ވެސް ތިބެއެވެ. ކަޅު ކުލައިގެ އަތްދިގު ޓީޝާޓެއްގެ މަތިން ޑެނިމް ޖެކެޓަކާއި ކަޅު ކުލައިގެ ފަޓުލޫނެއް ލައިގެން ހުރި ރަންބީރު ހުއްޓި ހުރީ ސްކޭޓް ބޯޑެއްގައެވެ. ސްކޭޓް ބޯޑުގައި އެއް ފައިން ހުއްޓި ހުރެ އަނެއް ފައި ކާރުގައި ލައްގާލައިގެން އެއް އަތުން ބޮލުގައި ހިފަހައްޓާލައިގެން ހުރި ރަންބީރުގެ މޫނު މަތީގެ އެކްސްޕްރެޝަން ވަރަށް ތަފާތެވެ.

މި ފޮޓޯގައި ރަންބީރު ހީވަނީ ހިތްހަމަނުޖެހި ހުރެ ފޮޓޯއަށް ހުއްޓިފައި ހުރި ކަމަށެވެ. މި ފޮޓޯއަށް ކޮމެންޓް ކުރި ބައެއް ފަރާތްތަކުން ބުނެފައިވަނީ ރަންބީރު ހިތްހަމަނުޖެހިފައި އެ ހުރީ ސްކޭޓް ކުރަން ހުއްޓައި ފޮޓޯ ނަގަން ޖެހުމުން ކަމަށެވެ.

ރަންބީރުގެ ފިލުމީ މަސައްކަތަށް ބަލާއިރު އޭނާ އާއި އާލިއާ ބަޓް އެކުގައި ފެނިގެންދާ ފިލުމު ބްރަހްމަސްތުރާގެ މަސައްކަތް ހުއްޓިފައިވަނީ ރަންބީރު ކަޕޫރު ކޮވިޑް-19 އަށް ފައްސިވުމުންނެވެ.