މީގެ ކުރިން ހޯދިފައި ނުވާ، އެއާ ބެހޭ ގޮތުން މައުލޫމާތު އެނގިފައި ނުވާ ތިން ވައްތަރެއްގެ ބެކްޓީރިއާއެއް އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) އިން ފެނިއްޖެއެވެ. އަދި ސައިންސްވެރިންނަށް ވަނީ އިތުރު ވައްތަރެއްގެ ބެކްޓްރީއާއެއް ވެސް ދެނެގަނެވިފައެވެ.

ސްޕޭސް ސްޓޭޝަނުން ފެނިފައިވާ ހަތަރު ވައްތަރުގެ ބެކްޓީރިއާއަކީ މެތީލޮބެކްޓީރިއާސީގެ އާއިލާއަށް ނިސްބަތްވާ ވައްތަރުތަކެވެ.

ޖައްވީ އިދާރާ (ނާސާ) އާ ގުޅިގެން ދިރާސާާ ކުރާ ޓީމުން ހޯދި ހޯދުންތަކުން މި ބެކްޓީރިއާގެ ސަބަބުން ސްޕޭސްގައި އާއި ހަނދުގައި ގަސް ހެއްދުމަށް ފަސޭހަވެގެން ދާނެއެވެ.

ސްޕޭސް ސްޓޭޝަނުގެ މާހައުލަކީ ތަފާތު މާހައުލަކަށް ވުމުން، އެތަނުގެ ކަންތައްތައް ހޯދުމަށް ވޭތުވެދިޔަ އަހަރުތަކުގައި މަސައްކަތް ކުރެވިފައި ވާނެކަމަށް ރިޕޯޓުތައް ބުނެއެވެ.

ސީނިއާ ރިސާޗް ސައިންސްވެރިޔާ، ކަސްތޫރި ވެންކޭޓްސްވަރަންް ބުނެފައިވަނީ ސްޕޭސް ސްޓޭޝަނުގައި ގަސް ހެއްދުމަށް ފެނިފައިވާ ބެކްޓީރިއާ ބޭނުން ކުރެވިދާނެ ކަމަށެވެ. ސްޕޭސް ސްޓޭޝަނުގައި މިހާރުވެސް ކުޑަ ގަހެއް ހެއްދިފައިވާ އިރު، ގަސް ހެއްދުމަށް މެތީލޮބެކްޓީރިއަމް އެހީތެރިވެދޭނެ ކަމަށް އޭނާ ގަބޫލު ކުރެއެވެ.

އެސްޓްރޮނައުޓުން ސްޕޭސް ސްޓޭޝަނުގައި އަހަރުތަކެއް ވަންދެން އުޅެމުން ދާއިރު، އެމީހުންް ދަނީ ކެއުމަށާއި ދިރާސާ ކުރުމަށް ގަސް ހައްދަމުންނެވެ. ދިރާސާ ކުރާ ޓީމުން ބުނެފައިވަނީ އެންމެ އިސްކަމެއް ދެނީ އެސްޓްރޮނައުޓުންގެ ސަލާމަތާއި ރައްކާތެރި ކަމަށް ކަމަށެވެ. ސްޕޭސް ސްޓޭޝަނަކީ ސާފު، މެއިންޓެއިން ކުރެވިފައިވާ މާހައުލެއްގެ ގޮތުގައި އެ ޓީމުން ސިފަކުރިއެވެ.

ޖޭޕީއެލް ދިރާސާ ޓީމުގެ އިތުރުން ޔުނިވާސިޓީ އޮފް ސައުދާން ކެލިފޯނިއާގެ ސައިންސްވެރިން ވެސް މި ދިރާސައިގައި ބައިވެރިވެފައި ވާކަން ފާހަގަ ކޮށް ލެވެއެވެ.