މަނީ ހެއިސްޓްގެ ފަސް ވަނަ ސީޒަންގެ ޓްރްއިލާ އަންނަ ހޯމަ ދުވަހު ނެރުމަށް ނިންމައިފިއެވެ.

ސްޕެނިޝް ކްރައިމް ޑްރާމާ ލަ ކަސަ ޑަ ޕަޕެލް (މަނީ ހައިސްޓް)ގެ އަސަރުގަދަ ޓީޒާއެއް މިދިޔަ ހޯމަ ދުވަހު (މޭ 24) ވަނީ އާންމު ކޮށްފައެވެ. ޓީޒާ އިން ފެނުނު ގޮތުގައި މި ސީޒަންގައި ގެނެސް ދޭން ނިންމާފައިވަނީ ދެ ބަޔަކަށް ބަހާލައިގެންނެވެ.

ސީޒަން 5 ގެ ފުރަތަމަ ބައި ސެޕްޓެމްބަރު މަހުގެ ތިން ވަނަ ދުވަހު ބެލުންތެރިންނާ ހިސާބަށް ގެނެސްދޭ އިރު، ދެ ވަަނަ ބައި ގެނެސްދޭން ތާވަލް ކޮށްފައިވަނީ އޭގެ ތިން މަސް ދުވަސް ފަހުން ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހު ކަމަށެވެ. މިއިން ކޮންމެ ބައެއްގައި ހިމެނެނީ ފަސް އެޕިސޯޑެވެ.

މި ސީރީޒްގެ ފަސް ވަނަ ސީޒަންގައި ވެގެންދާ ގޮތް ފެނިގެންދާ ޓްރެއިލާ އަންނަ މަހުގެ ދެވަނަ ދުވަހު ނެރޭނެ ކަމަށް މީސްމީޑިއާގައި މިހާރު ވަނީ އިއުލާނު ކޮށްފައެވެ.

ޕްރޮޑިއުސާ އެލެކްސް ޕީނާ ބުނެފައިވަނީ ސީޒަން 5 ގެ ދެވަނަ ބައިގައި ބޮޑަށް ބަލާފައިވާނީ ކެރެކްޓާސް ތަކުގެ އިމޯޝަނަލް ހާލަތު ދައްކުވައިދިނުމަށް ކަމަށެވެ. ކޮވިޑް އާލަމީ ވަބާގެ ތެރޭގައި މަސައްކަތް ކުރަން ޖެހުމުން ކުއްލި ބަދަލުތަކެއް ދިހަ އެޕިސޯޑަށް ވެސް ގެންނަން ޖެހުނުކަމަށް ބުނެފައިވެއެވެ.

ޕްރޮފެޝަނަލް ބޮޑު ރޭވުމެއްގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ފޭރިގަންނަން ޓީމަކުން ކުރާ މަސައްކަތް ދައްކުވައިދޭ މި ސީރީސް އަކީ ދިވެހިން ހިމެނޭހެން ދުނިޔޭގެ ވެސް ގިނަ ބައެއްގެ ތަރުހީބު ލިބިފައިވާ ސީރީޒް އެކެވެ.