މިހާރަކަށް އައިސް މަޝްހޫރު އެކި އެކި ފަންނާނުން އަންނަނީ މުނިފޫހި ފިލުވައިދިނުމުގެ އިތުރުން ދިރިއުޅުމުގައި ކަންކަން ކުރުމުގައި ހިތްވަރު ލިބޭފަދަ ކަންތައްތައް ކުރަމުންނެވެ. އެގޮތުން މިފަހަކުން ބައެއް ފަންނާނުން އެމީހުންގެ ހަށިގަނޑަށް ގެންނަ ބަދަލުތައް ހިމެނެއެވެ. ހާއްސަކޮށް ދުޅަހެޔޮ ސިއްހަތެއްގައި ހުރުުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށްލެވެއެވެ. އެ ތަރިން އެކަމަށް ބޭނުން ކުރާ އުކުޅުތަކުގެ ސަބަބުން އެމީހުންގެ ސަޕޯޓަރުންނަށް ވަނީ މިފަދައިން ކަންތައް ކުރުމުގައި އާހިތްވަރަކަށް ވެގެން ގޮސްފައެވެ.

އިންޑިއާގެ މުނިފޫހި ފިލުވުމުގެ ދާއިރާގައި ހެއްވާ މަޖާ ރޯލް އަދާކުރަމުންދާ ބާރްތީ ސިންގްވެސް މި ވަނީ އޭނާގެ ހަށިގަނޑަށް ބޮޑު ބަދަލެއް ގެނެސްފައެވެ. އޭނާ ބަރުދަން ލުއި ކޮށްފައިވާ ކަމުގެ ވާހަކަތައް ދަނީ ހަބަރު ތަކުގައި ދެކެވެމުންނެވެ. ކޮންމެ ގޮތަކަށް ކަންތައް އޮތް ކަމުގައި ވީ ނަމަވެސް ބާރްތީ އަބަދުވެސް ބުނަމުން ގޮސްފައިވަނީ އޭނާގެ ބަރުދަނާއި މެދު އޭނާ އަބަދުވެސް ހިތްހަމަޖެހޭ ކަމުގައެވެ. ބާރްތީ މިވަނީ އެއް އަހަރުގެ ތެރޭގައި 15 ކިލޯ އޭނާގެ ހަށިގަނޑުން ލުއި ކޮށްލާފައެވެ. އަދި އޭނާގެ ހަށިގަނޑަށް މިގެނެވުނު ބަދަލާއި މެދު އޭނާ ހުރީ ވަރަށް ވެސް ހިތްހަމަ ޖެހިފައެވެ.

ދަ ޓައިމްސް އޮފް އިންޑިއާ އަށް ވާހަކަދައްކަމުން ބާރްތީ ބުނެފައިވަނީ އޭނާގެ ބަރުދަން 91 ކިލޯއިން 76 ކިލޯ އަށް ލުއި ކޮށްފައި ގޮސްފައިވާ ކަމަަށެވެ. އޭނާ ހުރީ ދުޅަހެޔޮ ސިއްހަތެއްގައި ކަމަށް އޭނާއަށް އިހްސާސް ކުރެވޭކަމަށްވެސް އޭނާ ބުންޏެވެ.

ބާރްތީ އިތުރަށް ވާހަކަދައްކަމުން ބުނެފައިވަނީ ބަރުދަން ލުއިވުމުން މިހާރު ނޭވާލުމަށް އެއްވެސް ވަރަކަށް އުނދަގޫ ނުވާ ކަމަށާއި އޭނާގެ ހަށިގަނޑުގައި ހަކުރުގެ މިންވަރު ހަމަޔަކަށް އެޅިގެން ގޮސްފައިވާ ކަމަށެވެ. އަދި ނޭވާ ހިއްލުންވެސް ރަނގަޅު ވެފައިވާ ކަމަށް ބުންޏެވެ.

ބަރުދަން ލުއިކުރުމުގައި އޭނާ ކެއުމުގެ ކަންތައް ކުރިއަށް ދިޔަގޮތް ކިޔާ ދެމުން ބުނެފައިވަނީ އޭނާ އެއްވެސް ވަރަކަށް ރޭގަނޑު 7:00 މެންދުރު 12 އާއީ ދެމެދު ކައި ނޫޅޭ ކަމަށެވެ. މިގޮތަށް ކަންތައް ކުރަން ފެށުމުން މަޑު މަޑުން އޭނާގެ ހަށިގަނޑު އެގޮތަށް ހޭނެން ފެށީ ކަމަށްވެސް ބުނެފައި ވެއެވެ.

ބާރްތީ ބުނެފައިވަނީ ކޮންމެ މީހަކުގެ އެމީހެއްގެ އަމިއްލަ ހަށިގަނޑު ދެކެ ލޯބިވާން ޖެހޭނެކަމަށެވެ. އަދި ތިމާ ނުވި ލޯތްބެއް އެހެން މީހަކު ނުވާނެކަމަށްވެސް ބުންޏެވެ.