''ކުއީން އޮފް ޕޮޕް'' މެޑޯނާ ލުއިސް ސިސޮނޭގެ ހަޔާތަށް ބިނާކޮށް ތައްޔާރު ކުރާ ފިލުމު ޑައިރެކްޓް ކުރާނީ މެޑޯނާ ކަމަށް އޭނާ ބުނެފިއެވެ.

މެޑޯނާގެ ހަޔާތާއި ބެހޭގޮތުން ފިލުމެއް އުފައްދާ ވާހަކައަކީ މީސް މީޑިއާގައި ވަރަށް ގަދައަށް ދެކެވުނު ވާހަކަ ތަކެކެވެ. އަދި މެޑޯނާގެ ހަޔާތަށް ބިނާކޮށް ފިލުމެއް އުފައްދަން ބޭނުންވާ އެތައް ބަޔަކު އެބަ ތިއްބެވެ.

މެޑޯނާގެ ހަޔާތަށް ބިނާކޮށް ތައްޔާރު ކުރާ ފިލުމު ބަލައިލަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިވަނީ ލިބިފައެވެ. ނަމަވެސް އޭނާގެ ފިލުމު އުފައްދަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތެއް ނުލިބުނެވެ. ސަބަބަކީ މެޑޯނާގެ ފިލުމު ޑައިރެކްޓް ކުރަން ބޭނުންވަނީ އޭނާ އަމިއްލައަށް ކަމުގައި ވާތީއެވެ.

ކޮމިކް ބުކް މެދުވެރިކޮށް ވެރައިޓީ ޗެޓް ޝޯގައި ވާހަކަ ދައްކަމުން މެޑޯނާގެ ވަނީ މިކަންތައް ހިއްސާ ކޮށްފައެވެ.

''އަހަރެންގެ ދިރިއުޅުމަކީ ވަރަށް ފުރިހަމަ ދިރިއުޅުމެއް. އެހެންވީމާ އަހަރެންގެ ހަޔާތަށް ބިނާކޮށް އުފައްދާ ފިލުމު ވެސް އެހާ ފުރިހަމަ ވާންވާނެ. އަހަރެންގެ ބަޔޯޕިކްއެއް ހަދަން ވަރަށް ގިނަ ބަޔަކު މަސައްކަތް ކުރި. އަހަރެން އެ އެންމެންނަށް ނޫނެކޭ ބުނިން. އަހަރެންގެ ވާހަކަ ކިޔައިދޭނީ އަހަރެން އަމިއްލައަށް. އެ ފިލުމު ޑައިރެކްޓް ކުރާނީ ވެސް އަހަރެން'' މެޑޯނާ ބުނެފައިވެއެވެ.

މީގެއިތުރުން މެޑޯނާ ބުނެފައިވަނީ އޭނާގެ ފިލުމުގެ ސްކްރިޕްޓް ތައްޔާރުވަމުންދާ ކަމަށެވެ. ވަރަށް ދިގު ސްކްރިޕްޓެއް އޮތް ކަމަށާއި އެ ސްކްރިޕްޓް ކުރު ކުރާނެ ގޮތެއް ނޭނގިގެން އުޅޭ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

މެޑޯނާގެ މި ފިލުމުގެ ފޯކަސް ބޮޑަށް އޮންނާނީ އޭނާގެ މިޔުޒިކީ ހަޔާތަށް ކަމަށް ވެސް ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    މީނާގެ ހަޔާތާ މިޔުޒިކީ ހަޔާތަކީ ވަކި އެއްޗެއްތަ؟
    އަހަރެން ހިތައް އެރީ ލަވަޔާ މިއުޒިކު ކުޅޭ މީހުންގެ މިއުޒިކާ ހަޔާތަކީ އެކައްޗެއްކަމަށް.