ޓެލެވިޒަން އިންޑަސްޓްރީގެ މަގުބޫލު ދެ ފަންނާނުން ކަމުގައިވާ ގުރްމީތު ޗައުދަރީއާއި ޑެބީނާ ބޮނަރުޖީއަށް ދެވަނަ ދަރިއަކު ލިބެން އުޅޭކަމަށް ޑެބީނާ ބުނެފިއެވެ.

ޑެބީނާއާއި ގުރްމީތު ފުރަތަމަ ދަރިފުޅާއި އަދި ބަނޑުގެ ސްކޭންއަކާއި އެކު ނަގާފައިވާ ފޮޓޯއެއް ޑެބީނާގެ އިންސްޓަގުރާމުގައި ހިއްސާކޮށް ބުނެފައިވަނީ ''ބޭބީ'' ނަންބަރު 2 އަންނަނީ ކަމަށެވެ. ''ބައެއް ކަންތައްތަކަކީ އަމިއްލަ އިހުތިޔާރުން ބޭރުން ހިނގާ ކަންތައްތައް. އެއީ އެކަކަށް ވެސް ބަދަލު ކުރެވޭނެ ކަމެއް ނޫން. މިއީ ވެސް އެކަހަލަ ނިއުމަތެއް. އަހަރެމެންގެ އާއިލާ އިތުރަށް ފުރިހަމަ ކޮށްދިނުމަށް ބޭބީ ނަންބަރު 2 ވަރަށް އަވަހަށް އަންނާނެ'' ޑެބީނާގެ އިންސްޓަގުރާމު ޕޯސްޓުގައިވެއެވެ.

ގިނަ ބަޔަކު ލައިކްދީ ކޮމެންޓް ކޮށްފައިވާ މި ޕޯސްޓަށް ޓީވީ އިންޑަސްޓްރީގެ ގިނަ ފަންނާނުންތަކެއް ވެސް ވަނީ މަރުހަބާ ކިޔައި ކޮމެންޓް ކޮށްފައެވެ. މާހީ ވިޖް، ޓީނާ ދައްތާ، ތަސްނީމް ނެނޫރްކަރް، ތަންވީ ތައްކަރް ފަދަ ގިނަ ފަންނާނުންތަކެއް ވަނީ ގުރްމީތުއާއި ޑެބީނާގެ މި އުފަލުގައި ބައިވެރިވެ މަރުހަބާ ކިޔައިފައެވެ.

 

View this post on Instagram

 

A post shared by Debina Bonnerjee (@debinabon)

ޑެބީނާއާއި ގުރްމީތު ކައިވެނި ކޮށްފައިވަނީ 2011 ވަނަ އަހަރުގެ ފެބްރުވަރީ މަހުގެ 15 ވަނަ ދުވަހުއެވެ. އެ ދެމީހުންގެ ފުރަތަމަ ދަރިފުޅު ލިބިފައިވަނީ މި އަހަރުގެ އޭޕްރީލް މަހުގެ 3 ވަނަ ދުވަހުއެވެ. މި ދެމަފިރިންނަށް ލިބުނު އަންހެން ދަރިފުޅަށް ކިޔާފައިވަނީ ލިއަންނާއެވެ.

ފުރަތަމަ ދަރިފުޅު ލިބުނުތާ ހަތަރު މަސް ފަހުން ދެވަނަ ދަރިއަކު ލިބެން އުޅޭކަމުގެ އުފާވެރި ޚަބަރު މީޑިއާގައި ހިއްސާ ކޮށްފައިވެއެވެ.

މި ދެފަންނާނުން މަގުބޫލު ވެފައިވަނީ ހިންދީ ޑުރާމާ ''ރާމާޔަން'' އިންނެވެ. މި ޑުރާމާގައި ގުރުމީތު ކުޅެފައިވަނީ ''ރާމް'' ގެ ރޯލެވެ. އަދި ޑެބީނާ ކުޅެފައިވަނީ ''ސީތާ'' ގެ ރޯލެވެ.