ބޮލީވުޑުގެ އެންމެ ކާމިޔާބު ބަތަލާ އާލިއާ ބަޓް، ފިރިމީހާ ރަންބީރު ކަޕޫރުގެ އާއިލާގައި ބާކީވުމަށް ބޭނުން ނުވާތީ ވިހެއުމަށް ފަހު އޭނާގެ ނަން ބަދަލު ކުރަން ނިންމާފައިވާ ކަމަށް ބުނެފިއެވެ.

އާލިއާގެ ނަން ''ބަޓް'' އިން ''ކަޕޫރް'' އަށް ބަދަލު ކުރުމުގެ ވިސްނުމެއް ގެންގުޅެންތޯ ''މިޑް ޑޭ'' އިން ކުރި ސުވާލަށް ޖަވާބު ދެމުން އާލިއާ ވަނީ އޭނާގެ ނަންބަދަލު ކުރުމަށް ނިންމާފައިވާ ކަމަށް ބުނެފައެވެ.

''އަހަރެމެންނަށް ދަރިއަކު ލިބެން އެ އުޅެނީ. އެހެންވެ އަހަރެން ބޭނުމެއް ނޫން ''ބަޓް'' ގެ ގޮތުގައި އެކަނި ހުންނާކަށް، އެހެން އެންމެން ''ކަޕޫރް'' ގެ ނަމުގައި އުޅޭއިރު. އަހަރެން ބޭނުމެއް ނޫން ބާކީވެފައި ހުންނާކަށް'' އާލިއާ ބުނެފައިވެއެވެ.

އަދި ވިހެއުމަށް ފަހު ދަރިފުޅަށް ޓަކައި އާލިއާގެ ނަން ވެސް އާލިއާ ބަޓް ކަޕޫރަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

މި އިންޓަވިއުގައި އިތުރަށް ވާހަކަ ދައްކަމުން އާލިއާ ވަނީ އޭނާގެ ކައިވެނި ސިއްރެއްގެ ގޮތުގައި ބޭއްވި ސަބަބު ވެސް ހާމަކޮށްފައެވެ. އާލިއާ ކައިވެނި ކުރަން އުޅޭކަން ސިއްރު ކުރީ އެއީ ޕަބްލިކް އިވެންޓެއް ނޫން ކަމުންނެވެ. އެއީ އޭނާގެ އަމިއްލަ ކަމެއް ކަމަށާއި އެންމެން ވެސް އެކަން ގަބޫލު ކުރަން ޖެހޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

އާލިއާއާއި ރަންބީރު އެމީހުންގެ ފުރަތަމަ ދަރިފުޅަށް މަރުހަބާ ކިޔުމަށް ތައްޔާރު ވަމުން ދާއިރު މި ދެމީހުން އެކުގައި ކުޅޭ ފުރަތަމަ ފިލުމު ''ބްރަހްމަސްތުރާ'' ބެލުންތެރިންނާއި ހަމައަށް ގެނައުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.